Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

"މަޑިސީލަ" ހުއްޓާލަން އެންގުމަކީ ނޫސްވެރިކަމަށް ހުރަސް އެޅުން: އިދިކޮޅު

ޗެނަލް 13 އިން ކޮންމެ ރެޔަކު ގެނެސްދޭ "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގި އެންގުމަކީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ބްރޯޑްކޮމް އިން މިގޮތަށް އަންގާފައިވަނީ މިދިޔަ ބުދަ ދުވަހުގެރޭ ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމްގައި ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ބެލުމަށްފަހުއެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނީ "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލަން އެންގި އެންގުމަކީ މިނިވަން ނޫސްވެރިކަމަށް ފާޅުގައި ހުރަސް އެޅުން ކަމަށް ގަބޫލުކުރާ ކަމަށާއި އެ ޕްރޮގްރާމުގައި ގެނެސްދިން ވާހަކައަކީ އަޚުލާޤީ މިންގަނޑާއި ޚިލާފުވާ ވާހަކައެއް ނަމަ، ފިޔަވަޅު އަޅަންވާނީ އެކަމަށް ކަމަށެވެ.

ނަމަވެސް މުޅި ޕްރޮގްރާމް އެއްކޮށް ހުއްޓާލަން އެންގުމަކީ ވަރަށްވެސް ނާތަހުޒީބު ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

މަޑިސީލަ ޕްރޮގްރާމް ހުއްޓާލަން ބްރޯޑްކޮމް އިން އެންގީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ނިމެންދެންނެވެ.

އަދި މި މުއްދަތުގައި ރާއްޖޭގެ އާންމު ސިއްޙީ ނުރައްކަލުގެ މިޙާލަތުގައި ކޮވިޑް 19 އާ ގުޅިގެން ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ މަޢުލޫމާތު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމުތަކުގައި ނުހިމެނުމަށް ވެސް ބްރޯޑްކޮމް އިން ވަނީ އަންގާފައެވެ.