Last Updated: April 19, 13:47
Friday, April 19, 2024
ރިޕޯޓް

ކޮވިޑް-19: އިޓަލީން ދިވެހިން ލިބިގަންނަންވީ ފިލާވަޅު

ދެ ހަފުތާއެއްހާ ދުވަސް ކުރިން އިޓަލީ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އެންގިއެވެ.

"ގޭގައި އުޅޭށެވެ! ބޭރުތެރެއަށް ނިކުމެ ނޫޅޭށެވެ! އެއްވުންތަކަށް ނުދާށެވެ!"

ޞިއްޙީ ދާއިރާގެ އެންގުންތަކަށް އިޓަލީގެ ރައްޔިތުންދިނީ ބީރުކަންފަތެވެ. އާޚިރު ނަތީޖާއަށް ނިކަން ބައްލަވާލައްވާށެވެ.

ކޮރޯނާ ވައިރަސް (ކޮވިޑް-19} މައިތިރިވުމެއްނެތި މުޅި ގައުމަށް ދަނީ ފެތުރެމުންނެވެ. ބަލި ކޮންޓްރޯލް ކުރުމަށް ގައުމުގެ ހުރިހާ ބާރުތަކުން ކުރަމުންދާ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. މުޅި ގައުމު ވަނީ ބިރުވެރިކަމާއި ނާމާންކަމުގެތެރެއަށް ވެއްޓިފައެވެ. މުޅި ގައުމަށް ވެރިވެފައިވަނީ ގިސްލުމުގެ އަޑެވެ.

ހުކުރު ދުވަހުގެ ހެނދުނުގެ ޚަބަރުތަކަށް ބަލާއިރު އިޓަލީން 41000 އަށްވުރެ ގިނަ މީހުން ބައްޔަށް ފައްސިވެފައިވެއެވެ. އަދި 3400 މީހުން ވަނީ މަރުވެފައެވެ. އެއީ ކޮރޯނާ ވައިރަސްގައި ޗައިނާއިން މަރުވި މީހުންނަށްވުރެ އިތުރު އަދަދެކެވެ.

ބުރާސްފަތިދުވަހުގެ ހެނދުނުގެ ޚަބަރުތަކަށް ބަލާއިރު އިޓަލީން އެއްދުވަހުގެތެރޭގައި 475 މީހުން މަރުވިކަމަށް ރެކޯޑުކުރެވިފައިވެއެވެ.

މިދިޔަ ހުކުރުދުވަހު އެކަނިވެސް އިޓަލީން 627 މީހުން މަރުވެފައިވެއެވެ. މިހާރު އިޓަލީން މަރުވި މީހުންގެ އަދަދު 4032 ގައި އުޅޭއިރު އޭގެތެރޭގައި 17 ޑޮކްޓަރުން ވެސް ހިމެނެއެވެ.

އިޓަލީއަށް ކޮރޯނަސް ވައިރަސް ފުޅާދާއިރާއެއްގައި ފެތުރިގެން ދިޔައީ އިޓަލީގެ އުތުރު ސަރަހައްދުގެ ލޮމްބާޑީއާއި މޮންޒާއިންނެވެ. ފަތުރުވެރިކަމަށް މަޝްހޫރު އަދި މަގުބޫލު ސަރަހައްދެއްކަމުގައިވާ ލޮމްބާޑީގެ އާބާދީގައި ހިމެނެނީ 10.4 މިލިއަން މީހުންނެވެ. އެ ސަރަހައްދުގެ ވެރިރަށަކީ މިލާނެވެ. މޮންޒާގެ އާބާދީގައި ދޮޅުލައްކަ މީހުން ހަމައެއްނުވެއެވެ.

"މިއީ ހިތާމައާއި ހިތްދަތިކަމުގެ ވަގުތެއް." ލޮމްބާޑީގެ ހޮސްޕިޓަލެއްގައި ބަލި މީހުންނަށް ފަރުވާދެމުންދިޔަ ޑޮކްޓަރަކު ވިދާޅުވިއެވެ. "މި ވައިރަހަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ނެތް. ބޭހާއި ވެކްސިން ހުންނަ ބަލިތަކަށް ފަރުވާ ކުރާއިރުވެސް ޑޮކްޓަރުންގެ ނަސޭހަތާއި ބަސް ގަބޫލުކުރަންޖެހޭ. ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދު ގަބޫލުކުރިނަމަ އަޅުގަނޑުމެން މިހާލަތަށް ދާކަށް ނުޖެހުނީސް."

މިއީ އިޓަލީގެ ރައްޔިތުން ކިޔަމަންތެރިވާން ޖެހިފައިވާ ވަގުތެކެވެ. މިއީ ގަދަބާރުދައްކައި ދެކޮޅުވެރިވާނެޖެހޭ ވަގުތެއްނޫނެވެ. މިއީ ބޭރުތެރެއަށް ނުނިކުމެ ގޭގައި ތިބެންޖެހިފައިވާ ވަގުތެވެ. އަދި މިއީ ލޮމްބާޑީއާއި މޮންޒާއިން ދުނިޔެ ފިލާވަޅުނަގަންވީ ވަގުތެވެ.

ދިވެހިރާއްޖޭގައި ވެސް ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކާއި އޮފީސްތަކާއި މަސާޖުޕާލާތަކާއި އެފަދަ އެހެންތަންތަން ބަންދުކޮށް މަސްހުނިވެއުޅުން ވަނީ މަނާކުރެވިފައެވެ. ހުކުރުނުކޮށް ޖަމާއަތުގައި ނަމާދުނުކޮށް މިސްކިތްތަކުންދޭ މުހިއްމު ޚިދުމަތްތައް މެދުކަނޑާލައި ބޭރުތެރޭގައި ނޫޅެ، ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ނަސޭހަތާއި އިރުޝާދުދެމުންނެވެ.

ރައްޔިތުން ކަރަންޓީނުކުރުމާ ދެކޮޅު ހަދާކަށް ނުޖެހެއެވެ. އެކަހެރި ކުރުމާ ދެކޮޅު ހަދާކަށް ނުޖެހެއެވެ. މުސްކުޅިން ގޭގައި ތިބެފައި ޒުވާނުން ބޭރަށްދާކަށް ނުޖެހެއެވެ. ބޭރުގައި ޒުވާނުން އުޅެއުޅެފައި ގެއަށްއަންނައިރު ވައިރަސްއާއެކު ގެއަށް އާދެވިއްޖެނަމަ ބަލި ފެތުރިގެންދާނީ ތިމާގެ މުސްކުޅި މައިންބަފައިންނާއި ތިމާގެ މީހުންގެތެރެއަށްކަން ހަނދާންކުރަންޖެހެއެވެ.

ކަނލާންގެ އިރާދަފުޅުން ދިވެއްސަކަށް އަދި މިހާތަނަށް ކްރޯނާ ވައިރަސް ނުޖެހުނަސް، ކްރޯނާ ވައިރަސް ދުނިޔެއާއި ރާއްޖޭގެ އިގުތިސާދު ފުނޑާލައިފިކަމަށް ގަބޫލުކުރަންޖެހެއެވެ. އަދި ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަންޖެހެއެވެ.

އުތުރު އިޓަލީގެ ލޮމްބާޑީ ސަރަހައްދުގެ މޮންޒާގައި ދިރިއުޅޭ ބަޔަކު ބުނި ގޮތުގައި ބަލިމަޑުކަން ފެތުރުމުގައި އެމީހުންނަކީ ވަރަށް ރަނގަޅު މިސާލެއްކަމަށެވެ.

"އަޅުގަނޑުމެންގެ ފަރާތުން ފިލާވަޅުތަކެއް ލިބޭނެ. ދެ ހަފުތާ ކުރިން ސަރުކާރުން އާއްމުންނަށް އަންގަމުންދިޔަ ގޭގައި ތިބުމަށް. އެކަމަށް ރައްޔިތުން ސަމާލުކަމެއް ނުދިން. އިޖާބައެއް ނުދިން. ނިކަންބަލާބަލަ އެކަމުގެ ހިތި ނަތީޖާ."

ލޮމްބާޑީގެ ހާލަތަށް ނިކަން ބައްލަވާލައްވާށެވެ! ކްރޯނާ ވައިރަހުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ލޮމްބާޑީއާއި މޮންޒާ އަށެވެ. އެ ސަރަހައްދުން 2500 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ވައިރަހުގެ އަސަރުކޮށްފައިވާ މީހުންގެ އަދަދު 31000 އަށްވުރެ ގިނައެވެ. މާޗު މަހުގެ 9 ވަނަ ދުވަހުން ފެށިގެން މުޅި އިޓަލީ ވަނީ މަހާބަންދެއްގައެވެ.
ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވުހާންއިންނެވެ. ބަލި މަޑުކަން ޗައިނާއަށްފެތުރި ގައުމުން ބޭރަށް، މުޅިދުނިޔެއަށް ބޮޑު ވަބާއެއްގެ ގޮތުގައި ފެތުރިގެން ދިޔަކަމަށް ވިޔަސް އެ ބަލީގައި އެންމެ ގިނަ މީހުން ދުނިޔެދޫކޮށްފައިވަނީ އިޓަލީންނެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާއަށް ކޮރޯނާ ވައިރަސް ވިދުވަރެއްހެން ފެތުރެމުން ދިޔައިރު އެބަލި ކޮންޓްރޯލު ކުރާނީ ކިހިނެއް ކަމާމެދު މުޅި ދުނިޔޭގައި އޮތީ ސުއާލު އުފެދިފައެވެ. އެކަމަކު ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއި ކެތްތެރިކަމާއި ހޭލުންތެރިކަމާއި ހަރުކަށިކަމުގެ ސިޔާސަތު އެންމެ ފުރިހަމައަށް ބޭނުންކޮށްގެން ޗައިނާއިން ކޮރޯނާ ވައިރަސް ކޮންޓްރޯލްކުރީ މުޅިދުނިޔެ ހައިރާންކޮށްލާފައެވެ. އެކަމަކު އެގައުމުގައި އެމެރިކާއާއި ހުޅަގުން ބޭނުންވާފަދަ ޑިމޮކްރަސީއެއް ނެތެވެ.

އިޓަލީގައި އޮތީ ވަރުގަދަ ޑިމޮކްރަސީއެކެވެ. މުސްކުޅި އާބާދީއެކެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2019 ވަނަ އަހަރު އިޓަލީގެ އާބާދީގެ 22.8 ޕަސެންޓަކީ 60 އަހަރުން މަތީގެ މީހުންނެވެ. ކޮރޯނާ ވައިރަހުގައި އިޓަލީން މަރުވި މީހުންގެ 90 ޕަސެންޓު މީހުންނަކީ 70 އަހަރުން މަތީގެ މީހުންނެވެ. އެމީހުންގެ ފުރާނަ ސަލާމަތް ނުކުރެވުމުގެ މައިގަނޑު ސަބެއްކަމުގައި ޑޮކްޓަރުން ފާހަގަކޮށްފައި ވަނީ، ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. އިޓަލީގެ އާބާދީގެ 24 ޕަސެންޓް މީހުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެވެ.

ކޮރޯނާ ވައިރަހާ ގުޅޭ ތަޖުރިބާކާރުން ބުނާ ގޮތުގައި ބަލިން ރައްކައުތެރިވުމަށް އަޅަންޖެހޭ އެންމެ މުހިއްމު އެއްފިޔަވަޅަކީ އެކަކު އަނެކަކާދެމެދު އިޖުތިމާޢީ ދުރުމިނެއް ބެހެއްޓުމެވެ.

"އެހެން ހެދުމުން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ވައިރަސް އެރުމުގެ ނުރައްކާ ވަރަށްކުޑަވެގެންދާނެ." ތަޖުރިބާކާރަކު ވިދާޅުވިއެވެ. "މަހާ ބަންދުކުރުމާއެކު އިޖުތިމާޢީ ދުރުމިން ބެހެއްޓުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއްދޭންޖެހޭ. އޭރުން ރައްކާތެރިކަމާއެކު ތިބެވޭނެ."

ބަލީގެ އިހުސާސް ނުކުރެވޭ މީހުންނަށް އަމިއްލަ ގޭގައި ކަރަންޓީނުވެގެން ތިބުމަކީ ވަރަށް ބޮޑު ވޭނެކެވެ. އެކަމަކު ހަދާން ބަހައްޓަންޖެހޭ ކަމަކީ އެއީ ފުރާނައަށް ނުރައްކާތެރި ކަމެއްނޫންކަމެވެ. ނަމަވެސް އިޖުތިމާއީ ދުރުމިނެއް ނުބެހެއްޓުމުގެ ސަބަބުން ނޫންނަމަ އަމިއްލަ ސަލާމަތަށްޓަކައި ކަރަންޓީނު ނުވެ ތިއްބާ ބަލި ޖެހިއްޖެނަމަ މަރާ ކުރިމަތިލާންޖެހިދާނެއެވެ.

ގޭގައި ތިބުމަށް ސަރުކާރުން އެންގި އެންގުންތަކަށް އަމަލުނުކޮށް ތިބުމަށްފަހު އިޓަލީ މީހުން ގޭގެއަށް ވަނީ މުޅި ސަރަހައްދަށް ބަލިމަޑުކަން ފެތުރުނުފަހުންނެވެ. އެހާހިސާބަށް ކަންތައް ދިޔައިރު ސަރަހައްދަށް ވެރިވެފައި އޮތީ ބިރުވެރިކަމެއް، ނުރައްކަލުގެ އަސަރެއްނޫނެވެ. މަރުގެ ނާމާންކަމެވެ.

"ކުރިން ބަސް ގަބޫލުނުކޮށް ބޭރަށް ނިކުމެ ދުއްވަމުން ދިޔަ މީހުންނަށް މިހާރު ބޭރަކަށް ނުނިކުމެވޭ. ގެއިން ބޭރަށް ނިކުމެވޭނީ ޚާއްޞަ ފޯމެއް ފުރައި ހުއްދަ ހޯދައިގެން." މޮންޒާގައި ދިރިއުޅޭ އާއިލާއެއްގެ ބަޔަކު ބުންޏެވެ."ސަރުކާރުގެ އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަމުންދަނީ."

އިޓަލީ މަހާބަންދުކުރަން ހަނގުރާމަމަތީ ސިފައިން ވަނީ މަގުމައްޗަށް ނެރެފައެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަހަށް ފުރަތަމަ ފައްސިވި 13 މީހުންނަކީ ބިދޭސީންނެވެ. ނަމަވެސް ގައުމު ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ރައްކައުތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ގޮވައި އަޑުއުފުލައި އިލްތިމާސް ކުރަމުންނެވެ. ފުރަތަމަ އިވެމުން ދިޔައީ ސައިބޯނިލައިގެން ގިނަގިނައިން އަތްދޮންނަން ނަސޭހަތް ދެމުންދިޔަ އަޑެވެ.

ކެއްސައި ކިނބިހިއަޅާއިރު ނޭފަތާއި އަނގަ ނިވައިކުރުމުގެ ވާހަކަތަކެވެ. އެކަކު އަނެކަކާއި މަސްހުނި ނުވެ އިޖުތިމާޢީ ދުރުމިނެއް ބަހައްޓަންވީއެވެ. އަތާއި އަތްޖޯޑުކޮށް ސަލާމްކުރުމާއި ކަރާއި ކަރުޖައްސައި ސަލާމްކުރުން ހުއްޓާލަންވީއެވެ. މިހާރު އިވެނީ ގޭގައި މަޑުކޮށްގެން ތިބުމަށް ގައުމު އެދި ގޮވަމުންދާއަޑެވެ. ރައްޔިތުން ޖެހެނީ އެ ވާހަކަ ގަބޫލުކުރާށެވެ. ބަހާއި ޢަމަލުންނެވެ. އިޓަލީއަށް ވީގޮތް ވުމުގެ ކުރިންނެވެ. ނުރައްކަލުގެ ރަނގަބީލުގެ އަޑު ހުރިހާދިމާއަކުން އިވެމުން އެބަދެއެވެ. ނަސޭހަތާއި އިލްތިމާސްތަކާއި ހޭލުންތެރިކަމުގެ ވާހަކަތައްވެސް މެއެވެ.

އިޓަލީއަށް ކޮރޯނާ ވައިރަސް ފެތުރިގެންދިޔައީ ބައްޔަށް ދޭންޖެހޭ ސަމާލުކަން ދޭންވީ ވަގުތު ނުދެވުމުގެ ސަބަބުންނެވެ. ވައިރަސް ފެތުރިގަންނާނީ ކޮންއިރަކު ކިހާ ބާރުމިނެއްގައި ކޮން ސަރަހައްދުތަކަކަށްކަން އެއްވެސް ބަޔަކަށް ނޭނގެއެވެ. ކަން އެހެން އޮތުމުން އަޅުގަނޑުމެން ޖެހެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދީގެން، ކެތްތެރިކަމާއެކު ތިބޭށެވެ. އިޓަލީން އަޅުގަނޑުމެން ޖެހެނީ ފިލާވަޅެއް ލިބިގަންނާށެވެ.

ރައްކައުވެ ތިބިއްޔާ ދަތުރެވެ.