Last Updated: May 1, 20:45
Wednesday, May 1, 2024
ވިޔަފާރި

މިހާރު ގޭގައި ތިބެގެން ބީއެމްއެލް އިންޓަނެޓް ބޭންކިން އަށް ރަޖިސްޓާ ކުރެވޭނެ

ގޭގައި ތިބިގެން އިންޓަނެޓް ބޭންކިން އަށް ރަޖިސްޓާ ކުރެވޭ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

ބީއެމްއެލުން ބުނީ އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓްރީކުރުމަށް އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރުމަށްފަހު، ފޯމު ފުރިހަމަކޮށް، ފޯމުގެ ފޮޓޯއެއް ނުވަތަ ފޯމު customerservice@bml.com.mv އަށް އީމެއިލްކޮށްލުމުން ރަޖިސްޓަރކުރެވޭނެ ކަމަށެވެ.

މިހާތަނަށް އިންޓަރނެޓް ބޭންކިންގ އަށް އެދި ހުށަހެޅުމަށް އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހެނީ ބޭންކުގެ ބްރާންޗަކަށެވެ. މި ދިޔަ ބްރާސްފަތި ދުވަހު ބޭންކުން ގެނައި މި ބަދަލަށް ކަސްޓަމަރުންގެ ރަނގަޅު ތަރުހީބެއްދަނީ ލިބެމުންދާ ކަމަށް އެބޭންކުން ހާމަކުރެއެވެ.

އިންޓަނެޓް ބޭންކިންގ އިން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި އެކައުންޓު ބެލެންސް ޗެކްކުރުން، އެކައުންޓާއި ކާޑުގެ ބެލެންސް ބަލާލުން، އެކައުންޓް ސްޓޭޓްމަންޓް ބެލުމާއި ޑައުންލޯޑް ކުރުން، ފައިސާދެއްކުން، އަމިއްލަ ކްރެޑިޓްކާޑު އަދި ލޯނަށް ފައިސާ ދެއްކުން، އެހެން ފަރާތެއްގެ ކްރެޑިޓްކާޑު އަދި ލޯނަށް ފައިސާ ދެއްކުން ޓްރާންސްފަރކުރުން، އެހެން ފަރާތެއްގެ އެކައުންޓަކަށް ފައިސާ ފޮނުވުން ހިމެނެއެވެ.

ޒަމާނީ ޓެކްނޮލޮޖީއާ އެކު ބީއެމްއެލުން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ދެމުންނެވެ. މި ހިދުމަތްތަކުގެ ތެރޭގައި އިންޓަނެޓް، މޮބައިލް ބޭންކިން، ޕޭމަންޓްގޭޓްވޭ އަދި ޑިޖިޓަލް ވޮލެޓްގެ ހިމެނެއެވެ.

ބީއެމްއެލުން ބުނީ، ބޭންކުގެ މެދުވެރިކޮށް ހިންގޭ މުއާމަލާތުގެ 90 ޕަސަންޓަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގޭ މުއާމަލާތް ކަމަށެވެ.