Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ފެލައިނީ އަށް ބަލި ޖެހުނީ ޗައިނާ އިން ކަމަށް ބެލެވޭ: މަބްރޫކް

ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު މަރުއަން ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭނާ އަށް އެ ބަލި ޖެހުނީ ޗައިނާ އިން ކަމަށް ބެލެވޭ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް-19 ގެ ކަންކަމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް މިއަދު ވިދާޅުވީ ފެލައިނީ ރާއްޖެ އައިސްފައިވަނީ މި މަހުގެ އަށްވަނަ ދުވަހު ކަމަށާއި އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ ރީތިރަށް ރިސޯޓުގައި ކަމަށެވެ. އަދި އޭނާ ރާއްޖެ ފުރައިގެން ގޮސްފައިވަނީ މި މަހުގެ 12 ގައި ކަމަށާއި ބައްޔަށް އޭނާ ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އެހެންކަމުން 14 ދުވަހުގެ މުއްދަތަށް ބަލާއިރު ފެލައިނީ އަށް އެ ބަލި ޖެހިފައި އޮވެދާނެ ކަމަށް ބެލެވޭ ދުވަހަކީ މި މަހުގެ ހަވަނަ ދުވަސް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ލަފާކުރެވެނީ އޭނާއަށް ބަލިޖެހުނީ ރާއްޖެއިން ދަތުރުކޮށް ދިޔަފަހުން ޗައިނާއިން ކަމަށް" މަބްރޫކް ވިދާޅުވިއެވެ.

އެހެން ނަމަވެސް މިހާރު ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށާއިި، އަދި ފެލައިނީ އާ "ކްލޯޒް ކޮންޓެކްޓު" ވި މީހަކު އެކަހެރިކޮށްފައިިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ބެލްޖިއަމް އަށް އުފަން ފެލައިނީ މިހާރު ކުޅެމުން އަންނަނީ ޗައިނާގެ ލީގުގެ ކްލަބަކަށެވެ.