Last Updated: April 2, 00:01
Thursday, April 2, 2020
ޚަބަރު

ސީޕީ އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގޮވާލައިފި

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (ވ) --

ކޮމިޝަނަރު އޮފް ޕޮލިސް އަށް އައްޔަން ކުރައްވާ ބޭފުޅަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށާއި އެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ސަރުކާރު ހިންގާ މައިޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ގޮވާލައިފިއެވެ.

ދިވެހި ފުލުހުންގެ އެންމެ އިސް މަގާމުގައި ހުންނަވާ ކޮމިޝަނަރު އޮފް ޕޮލިސް ކަނޑައެޅުމުގެ ބާރު ޕްރޮމޯޝަން ބޯޑަށް ދޭ ގޮތަށް ފުލުހުންގެ ބިލު އެކުލަވާލާފައިވާތީ އެކަމަށް ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި މަޖިލީހަށް ބިލު ހުށަހެޅުއްވި މެންބަރު ހަސަން ލަތީފު ވިދާޅުވީ ކޮމިޝަނަރު އޮފް ޕޮލިސް އައްޔަން ކުރުމުގެ ހުރިހާ ބާރެއް ލިބެންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށެވެ.

ހަސަން ލަތީފުގެ ވާހަކަތަކަށް ތާއީދު ކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މާޒީގައި ފުލުހުންގެ ބާރު ވެރިކަން ކުރާ ފަރާތަށް ނެތުމުން ލިބިގެން ދިޔަ ހިތިކަން ދިވެހިން ދެކިފައިވާ ކަމަށް ވިދާޅުވެފައެވެ. އީވާ އަދި ހަސަން ލަތީފުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ހަސަން ވެސް ވަނީ ސީޕީ އައްޔަން ކުރުމުގެ ބާރު ރައީސަށް ލިބެންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ކޮމިޝަނަރު އޮފް ޕޮލިސް އައްޔަން ކުރާނީ މި ބިލުގައި ބަޔާންކޮށްފައިވާ ޕްރޮމޯޝަން ބޯޑުން ވަޒަންކޮށް ހޯމް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއެވެ. ކޮމިޝަނަރު އޮފް ޕޮލިސް އަކަށް އައްޔަން ކުރެވޭ މީހަކީ ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްއަށްވުރެ މަތީ ރޭންކެއްގައި ހުރި ބޭފުޅަކަށް ވާންޖެހެއެވެ. އަދި މި ބިލު ފާސްވެ ގާނޫނަކަށްވާއިރު ކޮމިޝަނަރު އޮފް ޕޮލިސް އަކަށް މީހަކު އައްޔަންކޮށްފައިވާ ނަމަ އެ މަގާމަށް އިތުރު މީހަކު އައްޔަން ކޮށްގެން ނުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް ބިލުގައި ބަޔާންކޮށްފައިވާ މާއްދާތައް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ހިނގާނެ ކަމަށް ބިލުގައިވެއެވެ.

މި މަގާމަށް ކުރިމަތިލާން ހުޅުވާލާނީ މި ބިލުގައި ބަޔާންކޮށްފައިވާ ޕްރޮމޯޝަން ބޯޑުންނެވެ. އަދި ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އެ ބޯޑުން އިންޓަވިއު ކުރަންޖެހޭނެއެވެ. އަދި އެ ބޯޑުން ކަނޑައަޅާ އިމްތިހާނުތައް ހެދުމަކީ ލާޒިމް ކަމެއްގެ ގޮތުގައި ބިލުގައި ވަނީ ހިމަނާފައެވެ. ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ނަން ހުށަހަޅާ ފަރާތްތައް ޕްރޮމޯޝަން ބޯޑަށް ނަން ހުށަހެޅުމުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު މެދުވެރިކޮށް ކޮމިޝަނަރު ކަމަށް އެފަރާތްތައް ކަނޑައެޅުމުގެ ޝަރުތު ހަމަވޭތޯއާ އެ މަގާމަށް ކުރިމަތިލާފައި ތިބި ބޭފުޅުންނަކީ އަބުރުވެރި ބައެއްތޯއާ އެމަގާމަށް ކުރިމަތިލާފައިވާ ތިބި އެއްވެސް ބޭފުޅަކު އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށްވާ ނަމަ އެ ސަބަބުވެސް ހިމަނައިގެން އެ މަގާމަށް ކުރިމަތިލާފައިވާ ކޮންމެ ބޭފުޅަކާއި ގުޅޭ ރިޕޯޓެއް މި ދެތަނުން ޕްރޮމޯޝަން ބޯޑަށް ދޭންޖެހެއެވެ. އަދި އެ ރިޕޯޓު ހޯމް މިނިސްޓަރަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވާނެއެވެ.

ކޮމިޝަނަރު އޮފް ޕޮލިސްއެއް އައްޔަން ކުރާނީ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެންނަމަވެސް އެ މުއްދަތު ހަމަވެ އިތުރު ބޭފުޅަކު އެ މަގާމަށް އައްޔަން ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރިން މަގާމުގައި ހުންނެވި ކޮމިޝަނަރު އޮފް ޕޮލިސް އެ މަގާމުގައި ބަހައްޓަން ހޯމް މިނިސްޓަރަށް ފެންނަ ހިނދެއްގައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުގެ އުސޫލެއް ނުހިނގާނެއެވެ.