Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އީސީ މެންބަރު ކަމަށް އަނެއްކާވެސް އަކްރަމް އައްޔަން ކުރައްވައިފި

އަކްރަމް އަށް މަގާމުގެ ލިޔުން ރައީސް ސޯލިހު ދެއްވަނީ: ފޮޓޯ / ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އެ ކޮމިޝަންގެ މިހާރު ނައިބު ރައީސް އަހުމަދު އަކްރަމް ދެވަނަ ދައުރަކަށް އައްޔަން ކޮށްފިއެވެ.

އަކްރަމްގެ މަގާމުގެ މުއްދަތު މި މަހުގެ 23ގައި ހަމަވާތީ، އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން އަކްރަމްގެ ނަން މަޖިލީހުން ފާސްކުރީ މިދިޔަ ހަފްތާގައި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 72 އަގުލަބިއްޔަތުންނެވެ.

އޭނާގެ ނަން މަޖިލީހުން ފާސްކޮށްފައި ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕާޓީ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އޭނާއަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށެވެ. އަކްރަމް އެ މަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭނާ އަށް މަގާމުގެ ހުވައިލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ދެން ތިއްބެވީ އަކްރަމްގެ އިތުރުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި މެންބަރު އިސްމާއިލް ހަބީބާއި އަލީ ނަޝާތާއި ފުއާދު ތައުފީގެވެ.