Last Updated: April 18, 22:36
Thursday, April 18, 2024
ކުޅިވަރު

ކޮވިޑް-19: ޓޯކިޔޯ އޮލިމްޕިކްސް އަންނަ އަހަރަށް ފަސްކޮށްފި

އަންނަ ޖުލައި މަހު ޖަޕާންގެ ޓޯކިޔޯގައި ބާއްވަން ތާވަލްކޮށްފައިވާ ޓޯކިޔޯ އޮލިމްޕިކްސް 2020، އަންނަ އަހަރަށް ފަސްކޮށްފިއެވެ.

ޓޯކިޔޯ އޮލިމްޕިކްސް އަންނަ އަހަރަށް ފަސްކޮށްފައިވަނީ މުޅި ދުނިޔޭގައި ކޮވިޑް-19 ފެތުރޭ ސްޕީޑު ބާރުވުމާއި ގުޅިގެން އެެކަމަށް އަވަސް ފިޔަވަޅުތަކެއް އެެޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގޮވާލާފައިވަނިކޮށެވެ.

ޓޯކިޔޯ އޮލިމްޕިކްސް ފެށުމަށް ނިންމާފައިވަނީ އަންނަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.

ޖަޕާންގެ ބޮޑުވަޒީރު ޝިންޒޫ އަބޭ ވިދާޅުވީ މުޅި ދުނިޔެ ނުރައްކާތެރި ބަލިމަޑުކަމެއްގައި ވަނިކޮށް މުބާރާތް ބޭއްވުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

މުބާރާތް ފަސްކުރުމާއި ގުޅޭ ގޮތުން އޮލިމްޕިކް ކޮމެޓީގެ ރައީސް ތޯމަސް ބަކް އާއި ޓޯކިޔޯ އޮލިމްޕިކްސް ކޮމެޓީ އަދި ޓޯކިޔޯގެ މޭޔަރ އަދި ޖަޕާންގެ ބޮޑުވަޒީރާއި އެކު ވަނީ މަޝްވަރާކުރައްވާފައެވެ.

މުބާރާތް ފަސްކޮށްފައިވަނީ އަންނަ އަހަރުގެ ހޫނު މޫސުމަށެވެ. ނަމަވެސް މުބާރާތް ބާއްވާ ތާރީހު އަދި ކަނޑައަޅާފައިނުވެއެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މުބާރާތުގެ އާ ތާރީހުތައް އިއްލާން ކުރާނެ ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއިއެކު ޓޯކިޔޯ އޮލިމްޕިކްސް ފަސް ކުރުމަށް ބައެއް ގައުމުތަކުން ގޮވާލަމުން ދިޔައެވެ. ނަމަވެސް އެކަމާއި ގުޅިގެން އޮގަނައިޒިން ކޮމެޓީން އެއްވެސް ވާހަކައެއް ނުދައްކައެވެ. މިކަމާއި ހެދި އޮސްޓްރޭލިއާ އާއި ކެނެޑާއިން ވަނީ ޓީމު ފޮނުވަން ދެކޮޅު ހަދާފައެވެ. އެދެ ގައުމުން ބުނެފައިވަނީ މުބާރާތުގައި ބައިވެރިވާނީ މުބާރާތް އަންނަ އަހަރަށް ލަސްކުރުމުން ކަމަށެވެ.