Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ވިޔަފާރިތަކަށް ކޮށްފައިވާ އަސަރުތައް ކުޑަކުރަން އިހުލާސްތެރި މަސައްކަތެއް ސަރުކާރުން ނުކުރޭ

ޕީޕީއެމް ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ / ޕްރޮގްރެސިވް ކޯލިޝަން

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ލިބިގެން ގޮސްފައިވާ ހީނަރުކަން ކުޑަ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން، ރާއްޖޭގެ އިޤްތިސާދަށް ދިމާވަމުންދާ ގެއްލުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށް ގޮވާލާ ކަމަށެވެ. އެހެންނަމަވެސް އެކަމުގައި ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމުގެ ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވާފައިވީ ނަމަވެސް ކަންކަން ރަނގަޅު ކުރުމުގައި އިޚްލާސްތެރި މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ދާތަން ނުފެންނަ ކަމަށާއި އެކަމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

ދާދި ފަހުން ސަރުކާރުގެ ފަރާތުން ބާއްވާފައިވާ ޕްރެސް ކޮންފަރެންސެއްގައި، 2.5 ބިލިއަން ރުފިޔާގެ އެހީތެރިކަން ވިޔަފާރިތަކަށް ފޯރޮކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް، އެފައިސާއާއި ގުޅޭ އެއްވެސް ތަފްސީލެއް ހާމަ ކުރައްވާފައި ނުވުމަކީ އޭގައި އެތައް ސުވާލެއް އުފެދިގެންދާ ކަމެއް ކަމަށް އިދިކޮޅުގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

އެ ނޫސްބަޔާނުގައި ބުނީ 2.5 ބިލިއަން ރުފިޔާގެ ޕްރޮގްރާމަކީ މިވަގުތުގެ ހާލަތަށް އެންމެ އެކަށީގެންވާ ޕްރޮގްރާމެއްކަން ނުވަތަ ނޫންކަންވެސް ސަރުކާރުން ސާފު ކޮށްދީފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ ދައުލަތުން ހޯދުމުގައި ޢަމަލުކުރާނީ ކިހިނެއްކަން ވެސް ހާމަކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަންކަން ދިވެހި ރައްޔިތުންނަށް ސާފުކޮށްދެއްވައި އެކަމުގެ ޢަމަލީ ފިޔަވަޅުތައް އަވަސްކޮށް ރާއްޖޭގެ ވިޔަފާރިތަކަށް ވަމުންދާ ގެއްލުންތައް ކުޑަ ކުރެވޭނެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ޕީޕީއެމް އަދި ޕީއެންސީގެ ބަޔާނުގައި މިވަގުތު ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ އަވަސް ފިޔަވަޅުތަކެއް ސަރުކާރުން ނާޅައިފިނަމަ، ރާއްޖޭގެ އިޤްތިޞާދަށާއި ރައްޔިތުން ގެ ޢާންމު ދިރިއުޅުމަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ކުރިމަތިވެގެން ދާނެކަން ސާފުކޮށް ފެންނަ ކަމަށާއި އެކަމުގައި އަވަސް ވުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް ވަނީ ބުނެފައެވެ.