Last Updated: July 3, 22:50
Friday, July 4, 2025
ދުނިޔެ

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ހަތަރު ލައްކަ އަށް

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން އިން ފެތުރެން ފެށި ކޮވިޑް-19 ވައިރަސް ޖެހުނު މީހުންގެ އަދަދު ހަތަރު ލައްކަ އަށް އަރައިފިއެވެ.

އެގޮތުން މި ބައްޔަށް މިހާތަނަށް ވަނީ 407،485 މީހުން ޕޮޒިޓިވްވެ، 18،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

މި ބަލި ޖެހުނު މީހުންގެ އަދަދު ހަތަރު ލައްކަ އަށް އެރިއިރު، ފާއިތުވި ތިން ދުވަސްތެރޭ މި ބައްޔަށް 100،000 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

މި ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގައި މި ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާއިރު، މި ބަލީގެ ނުރައްކާ މިހާރު އެންމެ ބޮޑުވެފައިވަނީ ޔޫރަޕްގައެވެ. އެގޮތުން ވަކިން ހާއްސަކޮށް އިޓަލީގައި މި ބަލި ވަރަށް ބޮޑަށް ފެތުރިފައިވާއިރު އެގައުމުން މިހާތަނަށް ވަނީ މި ބަލީގައި 6،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

އިޓަލީ އަކީ މި ބަލީގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ގައުމެވެ.

އިޓަލީގެ އިތުރުން ސްޕެއިން އާއި ފްރާންސް އާއި ޖަރުމަނު އަދި އެމެރިކާގައި ވެސް މި ބަލި އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ކޮވިޑް-19 ގެ ކޭސްތައް ދުނިޔޭގެ 160 ގައުމަކުން މިހާތަނަށް ވަނީ ރިޕޯޓުކޮށްފައެވެ.