Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ގާޑިޔޯލާ އެއް މިލިއަން ޔޫރޯ ސްޕެއިން އަށް ހަދިޔާކޮށްފި

ކޮވިޑް-19 ގެ ނުރައްކާތެރިކަން އެންމެ ބޮޑަށް ފެތުރިފައިވާ އެއް ގައުމު ކަމަށްވާ ސްޕެއިން އަށް، މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފިއެވެ.

މިވަގުތު ސްޕެއިންގެ ބާސެލޯނާގައި ހުރި ގާޑިޔޯލާ ހަދިޔާކުރި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ މީހުންނަށް ބޭނުންވާނެ މެޑިކަލް ސާމާނުތައް ގަތުމަށާއި، މި ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ހޮސްޕިޓަލުގެ ސްޓާފުންގެ ރައްކާތެރިކަމަށް ބޭނުންވާ ތަކެތި ގަތުމަށެވެ.

ސްޕެއިން އަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މި ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ގައުމެވެ.

އެގޮތުން މި ބަލި މިހާތަނަށް އެގައުމުގެ 40،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު، މި ބަލީގައި އެގައުމުން ވަނީ 2،696 މީހުން މަރުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްޕެއިންގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.