Last Updated: April 18, 22:36
Thursday, April 18, 2024
ދުނިޔެ

ކޮވިޑް-19 އަށްފަހު ހަންޓާ ވައިރަސް، ޗައިނާ އިން އެކަކު މަރުވެއްޖެ

ހަންޓާ ވައިރަސްގައި ޗައިނާ އިން އެކަކު މަރުވެއްޖެއެވެ.

ޗައިނާގައި ހިންގާ "ގްލޯބަލް ޓައިމްސް" ގައި ބުނެފައިވާ ގޮތުން މި ބަލި ޖެހިގެން މަރުވެފައިވަނީ ޔުނާން ޕްރޮވިންސުން ޔަންގްޑޮން ޕްރޮވިންސަށް ބަހެއްގައި ދަތުރުކުރި މީހެއް ކަމަށެވެ. އެމީހާ މިހާރު ފެތުރިފައިވާ ކޮވިޑް-19 އަށް ނެގެޓިވްވިއިރު އޭނާ ހަންޓާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

އަދި އިތުރު ދެ މީހެއްގެ ގައިން ހުމުގެ އަސަރު ފެންނާތީ އާއި މަރުވި މީހާ އާއި ކޮންޓެކްޓުވި މީހުން ވެސް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ކޮވިޑް-19 އާއި ހިލާފަށް ހަންޓާ ވައިރަހަކީ އަލަށް ފެނުނު ވައިރަހެއް ނޫނެވެ. ހަންޓާ ވައިރަހަކީ މީގެ ވަރަށް ގިނަ އަހަރުތަކެއް ކުރިން ދުނިޔޭގެ އެކި ހިސާބުތަކުން ފެނިފައިވާ ވައިރަހެކެވެ. ހަންޓާ ވައިރަހަކީ މީދަލުގެ ޒަރިއްޔާ އިން ޖެހޭ ބައްޔެކެވެ.

އެގޮތުން މީދަލުގެ ކުޑަކަމުދާ ތަކެއްޗާއި ނުވަތަ އެ އެއްޗެހި އުޅޭ ހޮރުގައި އަތްލާފައި ރަނގަޅަށް އަތްނުދޮވެ ލޮލާއި ނޭފަތާއި އަނގަ ފަދަ ތަންތަނުގައި އަތް ލުމުން މި ވައިރަސް ޖެހުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް މިއީ ކޮވިޑް-19 އާއި ހިލާފަށް ގައިން ގަޔަށް އެރުމުގެ ފުރުސަތު ކުޑަ ބައްޔެކެވެ.

މި ބައްޔަށް ވެކްސިނެއް އުފައްދާފައިވާއިރު، ޗައިނާގައި މި ބަލީގެ ނުރައްކާ އެންމެ ބޮޑަށް ފެތުރިފައިވާ ސަރަހައްދުތަކަށް 2008 ވަނަ އަހަރުން ފެށިގެން އަންނަނީ ވެކްސިން ޕްރޮގްރާމްތައް ހިންގަމުންނެވެ.