Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 422،000 އަށް، މަރުވި މީހުންގެ އަދަދު 18,800!

މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 422،629 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެެންމެ ފަހުގެ ރިޕޯޓުތަކުން ދައްކައިފިއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ ރިޕޯޓުތައް ދައްކާ ގޮތުގައި މި ދުވަސްކޮޅު މި ބަލި އެންމެ ބާރަށް ފެތުރެމުން އަންނަނީ ޔޫރަޕާއި އެމެރިކާގައެވެ. ޔޫރަޕަށް ބަލާއިރު އިޓަލީ އާއި ސްޕެއިންގައި ބަލި ފެތުރޭ ސްޕީޑުވަނީ ވަރަށް މަތިވެފައެވެ.

މިހާތަނަށް މިބަލީގައި މުޅި ދުނިޔެއިން 18,895 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އިޓަލީން މިހާތަނަށް 6,820 މީހުން ވަނީ މަރުވެފައެވެ. ފާއިތުވި ދެ ދުވަހުވެސް އިޓަލީންވަނީ ގިނަ ބަޔަކު މިބަލީގައި މަރުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނީ ފާއިތުވި ތިން ދުވަހުގެ ތެރޭ 150،000 އަށް ވުރެ ގިނަ މީހުން ބަލި ޖެހިފައިވާ ކަމަށެވެ. މި ހިސާބަށް ބަލާއިރު ކޮންމެ މިނިޓު 34 މީހަކަށް ބަލި ދަނީ ޖެހެމުންނެވެ.

ކޮވިޑް-19 އަށް މިހާތަނަށް ވަކި ފަރުވާއެއް ވެކްސިނެއް ހޯދިފައިނުވާއިރު މި ބަލި ޖެހޭ ގިނަ ބަޔަކު މަރުވަމުންދަނީ އެކަށީގެންވާ ސިއްހީ ފަރުވާ ނުދެވިއެވެ. މީގެ ތެރޭގައި ބައެއް ހޮސްޕިޓަލްތައް ފުލްވުމާއި، އިމަޖެންސީގައި ފަރުވާދޭ ވަސީލަތް ނެތުން ހިމެނެއެވެ. އަދި ބައެއް ސިއްހީ މާހިރުން މިބަލި ޖެހި މަރުވަމުން އައުމަކީ ބައްޔަށް ފަރުވާ ދިނުމުގައި ދިމާވެފައިވާ ގޮންޖެހުމެކެވެ.

މި ބަލި ވަނީ ދެނިޔޭގެ 90 އަށް ވުރެ ގިނަ ގައުމުތަކަށް ފެތުރިގެން ގޮސްފައެވެ.