Last Updated: March 29, 10:59
Friday, March 29, 2024
ދުނިޔެ

އިތުރު ދެ ހަފްތާ އަށް މެލޭޝިއާ ލޮކްޑައުން ކުރަން ނިންމައިފި

ކޮވިޑް-19 އާއި ގުޅިގެން އިތުރު ދެ ހަފްތާ އަށް މެލޭޝިއާ ލޮކްޑައުން ކުރަން ނިންމައިފި އެވެ.

މެލޭޝިއާގައި މި މަހުގެ 18 ވަނަ ދުވަހު އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު މި މަހުގެ 31 ގެ ނިޔަލަށް ހަމަވާއިރު، ލޮކްޑައުންގެ މުއްދަތު ދެން ހަމަވާނީ އަންނަ މަހުގެ 14 ގައެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ވިދާޅުވީ ލޮކްޑައުންގެ މުއްދަތު އިތުރުކުރަން ނިންމީ މި ބަލި އިތުރަށް ފެތުރުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށާއި މިއީ މިވަގުތަށް ބަލާއިރު ރައްޔިތުންނަށް ވެސް އެންމެ ފައިދާހުރި ނިންމުން ކަމަށެވެ.

"އިތުރު ޗޮއިސް އެއް އަހަންނަކަށް ނެތް. ރައްޔިތުންގެ ސަލާމަށްޓަކާ ލޮކްޑައުންގެ މުއްދަތު އިތުރު ކުރަންޖެހޭ" އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ބޮޑުވަޒީރު ވަނީ ލޮކްޑައުންގެ މުއްދަތު އިތުރުކުރި ނަމަވެސް އާންމުން ޕެނިކްވެ ފިހާރަތަކުން ގިނަ އަދަދަކަށް އެއްޗެހި ނުގަތުމަށް ވެސް އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 ގެ ނުރައްކާ މެލޭޝިއާގައި ބޮޑުވެފައިވާއިރު، އެގައުމުން މިހާތަނަށް ވަނީ މި ބައްޔަށް 1،624 މީހުން ޕޮޒިޓިވްވެ 17 މީހުން މަރުވެފައެވެ.