Last Updated: April 24, 21:40
Wednesday, April 24, 2024
ޚަބަރު

ގައުމީ މަސްލަހަތު އިސްކޮށް ގައުމުގެ ހާލަތު އިދިކޮޅާއި ހިއްސާ ކުރުމަށް އެދިއްޖެ

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

ގައުމީ މަސްލަހަތު އިސްކޮށް މިވަގުތު ރާއްޖެއަށް ދިމާވެފައިވާ ހާލަތު އިދިކޮޅު ފަރާތްތަކާއި ހިއްސާ ކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ގޮވާލައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން އިންސާނިއްޔަތަށް އޮތް ނުރައްކާ އިންތިހާއަށް ބޮޑުވެ، ޤައުމުތަކުގެ އިޤްތިޞާދު އެފުށް މިފުށަށްޖެހެމުންދާ މިދުވަސްވަރު، ދިވެހި ޖުމްހޫރިއްޔާގެ އެންމެ އިސް ފަރާތުގެ ޙައިސިއްޔަތުން ޤައުމުގެ މަސްލަޙަތު އިސްކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށް ގޮވާލާ ކަމަށެވެ. މިހާލަތުން އަރައިގަތުމުގައި ޕާޓީގެ މަސްލަޙަތު ދޫކޮށް، ޤައުމީ އެއްބައިވަންތަ ކަމަށް ޖާގަ ދެއްވުން ވެގެންދާނީ، ދިވެހި ކޮންމެ ރައްޔިތެއްގެ ރައްކާތެރިކަމަށް އެޅިގެންދާނެ މުހިންމު އަދި އެހާމެ ބޭނުންތެރި ފިޔަވަޅަކަށް ކަމަށް އިދިކޮޅުން ބުނެއެވެ. އަދި އެ ފިޔަވަޅަކީ ރާއްޖޭގެ އިޤްތިޞާދު ސަލާމަތް ކުރުމުގައި އެޅޭނެ މުޙިންމު ފިޔަވަޅަކަށް ވާނެ ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ރާއްޖޭގެ ތަރައްޤީއާއި، އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ގެނެސްދެވިފައިވާކަމީ ދެބަސްނުވެވޭނެ ޙަޤީޤަތެއް ކަމަށާއި ވީމާ ޤައުމުގެ ޙާލަތު ވީ އެންމެ އަވަސް ފުރުޞަތެއްގައި އިދިކޮޅު ކޯލިޝަނާއި ހިއްސާ ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދޭ ކަމަށެވެ.

އިދިކޮޅުން ބުނީ ދިވެހި ސަރުކާރުން މިހާތަނަށް އިޢުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ އެހީތެރިކަމުގެ ޕްރޮގްރާމުން ޢާންމު ރައްޔިތުންނަށް ސީދާ އަސަރެއް ނުކުރުމުގެ އިތުރަށް، ވިޔަފާރިތަކަށާއި، އިޤްތިޞާދަށް އެ ފައިސާއިން ކުރަން ގަސްތުކޮށްފައިވާ އެއްވެސް ކަމެއްގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައި ނުވުމަކީވެސް ސުވާލު އުފެދޭ ކަމެއް ކަމަށެވެ. ހަމަ އެފަދައިން އެފައިސާ ހޯދާނެގޮތުގެ ތަފްސީލެއް ނެތުމާއި، ފައިސާ މެނޭޖްކުރުމުގައި ދެފުށް ފެންނަ ހަރުދަނާ އުސޫލެއް މިހާ ހިސާބަށް އައިއިރުވެސް ޤާއިމުވެފައިނުވުމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި މިހާލަތުގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ބާވަތްތަކުގެ ކާޑާއި، ބޭސް ފަދަ ބާވަތްތަކާއި، ފިޔާ، ބިސްއަދި ތަރުކާރި މޭވާ ފަދަ ބާވަތްތައް ދަތި ނުވެ ރައްޔިތުންނަށް ލިބޭނެ ކަން ކަށަވަރުކޮށް ދިނުމަށްވެސް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.

"އެހެން މިދެންނެވީ އިސްވެ ދެންނެވުނު ބާވަތްތަކުގެ މުދާ ދިވެހިރާއްޖެއަށް ޢާންމުގޮތެއްގައި އެތެރެ ކުރާ ޤައުމުތަކުގެ ބޯޑަރު ބަންދު ކޮށްފައިވާތީއެވެ. އޭގެތެރޭގައި، ޕާކިސްތާން، މެލޭޝިއާ އަދި އިންޑިއާ ފަދަ ޤައުމުތައް ހިމެނޭތީއެވެ. ސަރުކާރުން މިހާތަނަށް ޢަމަލު ކުރަމުން ދިޔަ ގޮތަށް ރިޢާޔަތްކުރާއިރު، ރާއްޖޭގެ ޤައުމީ ބޭންކަށް ބޮޑެތި ބުރަތައް އުފުލުމަށް މަޖުބޫރުވާ ޙާލަތަށް ސަރުކާރު ނުފޫޒު ފޯރުވަފާނެ ކަމުގެ ބިރު އޮތްކަން މިކޯލިޝަން ދެކެމެވެ. ވީމާ ޤައުމީ ބޭންކަށް ބުރަ އުފުލޭނެ ނިސްބަތަށް ފަރުވާތެރިވުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި ޑިޕޮސިޓަރުންގެ ފައިސާއަށް ސަމާލުވުމަށްވެސް ދަންނަވަމެވެ. މީގެ އިތުރަށް ރާއްޖޭގެ ބޭރު ފައިސާ، ހާއްސަކޮށް އެމެރިކާ ޑޮލަރުގެ ބޭނުން ބޮޑުވެފައި އޮންނަ އޮތުމާއެކު، ދުނިޔެ މިވަގުތުވެއްޓިފައިވާ އަނދަވަޅުގައި، ޑޮލަރު ސާރކިއުލޭޝަން އާއި ޑޮލަރުގެ އަގާއި، ޑޮލަރު ލިބުމަށް ހުރަސް ތަކެއް ވާނަމަ އެކަންވެސް ސާފުކޮށްދެއްވުން އެދެމެވެ. ރާއްޖޭގެ ގިނަ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި، ސަފާރީތައް ބަންދުކޮށްފައިވާ މިދަނޑިވަޅުގައި، އެފަރާތްތަކުގައި ވަޒީފާއަދާކުރާ އެތައްހާސް ދިވެހިންނެއްގެ ވަޒީފާ ގެއްލުން ފަދަ ފޫނުބެއްދޭވަރުގެ ގެއްލުންތަކަކީ ފުން ވިސްނުމެއްގައި ސަރުކާރުން ޙިއްސާކުރަންޖެހޭ ކަންކަމެވެ" އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅުން ބުނީ މިފަދަ ޙާލަތެއްގައި ޕެންޝަން ފަންޑުން ކުރެވޭނެ ބޭނުންތައް ދެނެގަނެ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި އަދި ޕެންޝަން ފަންޑުގެ ސީއީއޯ އެއް ނެތްކަން ފާހަގަކޮށް ވީ އެންމެ އަވަހަކަށް ވެރިޔަކު އިސްކުރުމަށް ވެސް ސަރުކާރަށް އިލްތިމާސް ކުރާ ކަމަށެވެ. އޭގެއިތުރުން ސަރުކާރުގެ އެތައް ހާސް މުވައްޒަފުންނާއި، ޓީޗަރުންނާއި، ސިއްހީ ދާއިރާގެ މުވައްޒަފުން ފަދަ މުހިންމު ފަރާތްތަކަށް ކުރިއަށް އޮތް 3 މަސް ދުވަހުގެ މުސާރަ އާއި އިނާޔަތްތައް ދެވޭނެކަން ކަށަވަރު ކޮށްދެއްވުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.