Last Updated: April 20, 19:35
Saturday, April 20, 2024
ދުނިޔެ

ޗައިނާ އަށްވުރެ ސްޕެއިނުން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެ

ކޮވިޑް-19 އިން އެންމެ ފުރަތަމަ ފެނުނު ޗައިނާ އިން އެ ބަލީގައި މަރުވި މީހުންނަށް ވުރެ ސްޕެއިނުން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

ސްޕެއިންގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި ފާއިތުވި 24 ގަޑިއިރުތެރޭ އެގައުމުން ވަނީ މި ބަލީގައި 738 މީހުން މަރުވެފައެވެ. އެއާއެކު މި ބަލީގައި ސްޕެއިނުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3،434 އަށް އަރާފައެވެ.

މިއީ ޗައިނާ އަށް ވުރެ އިތުރު އަދަދެއް ކަމަށްވާއިރު، މި ބަލީގައި މިހާރު އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އެގައުމުން ވަނީ މިހާތަނަށް މި ބަލީގައި 6،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

ސްޕެއިންގައި މި ބަލީގެ ނުރައްކާ ބޮޑުވެފައިވާއިރު، އެގައުމު މިވަގުތު އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގައި މި ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާއިރު، މި ބަލީގެ ނުރައްކާ މިހާރު އެންމެ ބޮޑުވެފައިވަނީ ޔޫރަޕްގެ ގައުމުތަކުގެ އިތުރުން އެމެރިކާގައެވެ.

މި ބަލި މިހާތަނަށް ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު، މި ބަލީގައި 18،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.