Last Updated: April 20, 13:48
Saturday, April 20, 2024
ޚަބަރު

ޖަލުގައި ހުރި ވަކި މީހަކަށް ވަކި ގޮތެއް ނޯންނާނެ: ރައީސް

ޕީޕީއެމްގެ ބައްދަލުވުމެއްގައި ރައީސް ޔާމީން -- ފޮޓޯ / ސަން

ޖަލުގައި ހުރި ވަކި މީހަކަށް ވަކި ގޮތެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވަންތޯ ނޫސްވެރިއަކު މިއަދު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

އެގޮތުން ރައީސް ވިދާޅުވީ ޖަލުގައި ތިބޭ ފަރާތްތަކަށް މައާފު ދިނުމުގެ އިހުތިޔާރު އޮންނަނީ ގާނޫނުގެ ތެރެއިން ވަކި އުސޫލެއްގެ ތެރެއިން ހަމަޖެހިފައި ކަމަށާއި އެމަނިކުފާނު އަމަލު ކުރައްވާނީ އެގޮތުގެ މަތީން ކަމަށެވެ.

"އެގޮތަށް އަޅުގަނޑު އަމަލުކުރަމުން ގެންދާނަން. ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނެތް" ރައީސް ވިދާޅުވިއެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.

އެ މައްސަލައިގެ އިތުރުން ޔާމީން، 1.4 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެެ އެ ފައިސާ ލޯންޑަރކުރެއްވި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.