Last Updated: April 23, 13:19
Tuesday, April 23, 2024
ޚަބަރު

މާލެ އަށް ސަމާލުކަން ދެނީ ބަލި ފެތުރިއްޖެނަމަ ކޮންޓްރޯލްކުރަން ދަތިވާނެތީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އާއި ގުޅިގެން މާލެ އަށް ހާއްސަ ސަމާލުކަން ދެނީ ބަލި ފެތުރިއްޖެނަމަ ކޮންޓްރޯލްކުރަން އުނދަގޫވާނެތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މާލެ އަށް ހާއްސަ ސަމާލުކަމެއް ދެނީ އެހެން ރަށްތައް އިހުމާލުކުރުމުގެ ބޭނުމެއްގައި ނޫން ކަމަށާއި މާލޭގެ އާބާދީ އޮތް ގޮތާއި، މާލެ ތޮއްޖެހިފައި އޮތް ގޮތުން މާލޭގައި އެކަގެ ގައިން އަނެއްގެ ގަޔަށް މި ބަލި އަރަން ފަށައިފިނަމަ ކޮންޓްރޯލް ކުރަން ވަރަށް ދަތިވާނެ ކަމަށެވެ.

"އެހެންވީމަ ހާއްސަ ސަމާލުކަމެއް ދީގެން މާލެ އަށް މި އަޔަނުދިނުމަށްޓަކާ މި މަސައްކަތް މިކުރަނީ. ހަމައެއާއެކު، ރަށްރަށަށް މި ބަލި އަޔަނުދިނުމަށްޓަކާ ވެސް އަޅާފައިވާ ފިޔަވަޅުތައް އެބަހުރި" ރައީސް ވިދާޅުވިއެވެ.

އެގޮތުން ކޮންމެ ރަށެއްގައި ވެސް މިހާރު ޓާސްކް ފޯހެއް އުފައްދާފައިވާ ކަމަށާއި، ކޮންމެ ރަށެއްގައި ހުރި ކާޑާއި ބޭހުގެ ބާވަތްތަކުގެ ސްޓޮކް ކޮންމެ ދުވަހަކު ނަގަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭ އަފްޑޭޓް މިރެއިން ފެށިގެން އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށާއި މަދުވަމުންދާ ވަރަކަށް ސްޓޮކް އިތުރުކޮށްދެމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެއްވެސް ރަށަކަށް އިހުމާލެއް ނުވެ، މިކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި، މާލެ އަށް ސަމާލުކަން ދެނީ ބަލި ފެތުރިއްޖެނަމަ ކޮންޓްރޯލް ކުރަން ދަތިވާނެތީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.