Last Updated: March 29, 10:07
Friday, March 29, 2024
ޚަބަރު

ސިއްހީ ހާލުކޮޅު ރަނގަޅު، ހުންނަވާނީ ރައްޔިތުންނާ އެކުގައި: ރައީސް

ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށާއި، ހުންނަވާނީ ރައްޔިތުންނާއި އެކުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު އަދި ރަނގަޅު ކަމަށާއި، އެމަނިކުފާނު ހުންނަވާނީ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި އެ މަނިކުފާނަށް ވާނީ "ރައްޔިތުންނަށް ވާ ގޮތެއް ކަމަށް" ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ، ރައްޔިތުންގެ ސަލާމަތާއި ރައްކަލަށް އަޅާނެ ފިޔަވަޅު" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ މި ދަތި އުނދަގޫ ދަނޑިވަޅުގައި ރައްޔިތުން އުފުލަމުންދާ ބުރަޔާއި ކެތްތެރިކަމަށްޓަކައި ރައްޔިތުންނަށް ވެސް ޝުކުރު އަދާކުރައްވާފައެވެ. އަދި މިކަމުގައި ސަރުކާރަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރައްޔިތުންގެ ފަރާތުން ބޭނުން ވަނީ ޞިއްޚީ ދާއިރާގެ ބޭފުޅުން ދެއްވާ އިރުޝާދުތަކަށް އަމަލުކޮށް ކެތްތެރިކަމާއިއެކު ގޭގައި ތިއްބެވުންކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް 13 މީހަކު ޕޮޒިޓިވްވިއިރު، އޭގެތެރެއިން އަށް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.