Last Updated: March 28, 17:21
Thursday, March 28, 2024
ޚަބަރު

ރިސޯޓެއްގެ މުދަލަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓުގެ މުވައްޒަފަކު އެ ރިސޯޓުގެ މުދަލަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނި މައްސަލާގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ހަމަނުޖެހުން ހިންގާފައިވަނީ ރިސޯޓުން މުވައްޒަފުން ފޭބުން މަނާކޮށްފައިވަނިކޮށް، ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ކަމަށް ބުނެ ރިސޯޓުން ފައިބަން ބޭނުންވާކަން ރިސޯޓުގެ މެނޭޖްމެންޓުގައި އެދުމުން، އެޗްޕީއޭގެ އެންގުމާ ހިލާފަށް ރިސޯޓުން ނުދެވޭނެ ކަމަށް މުވައްޒަފަށް އަންގާ އެޗްޕީއޭއާ ގުޅިގެން އެކަން ކުރިއަށް ގެންދަން، ރިސޯޓުގެ މެނޭޖްމެންޓުން މަސައްކަތް ކުރަމުންދަނިކޮށް އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.