Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އައްޑޫގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ހުޅުވުން މަނާކޮށްފި

ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ހުޅުވުން މަނާކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިރެއިން ފެށިގެން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި، އާންމު ހިދުމަތް ދޭ ތަންތަން ކަމުގައިވާ ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކަމަށެވެ.

އަދި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދޭން ބޭނުންވާނަމަ، އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު، ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދެވިދާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ގާޑިޔާތަކުގެ ހިދުމަތް ދެވޭނީ، ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހުގައި ކަމަށާއި ގާޑިޔާތަކުގައި ތައްޔާރު ކޮށްގެން ވިއްކާ ހެދިކާ، މަސްކާށި، ކޮފީ ފަދަ ތަކެތި ވިއްކުމަކީ މަނާ ކަމެއް ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އަދި ގާޑިޔާތަކުގައި ގޮނޑި، ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ހިދުމަތް ނުދެވޭނެ ކަމަށާއި ކެފޭ، ރެސްޓޯރަންޓް އަދި ގާޑިޔާ ތަކުގައި ދުފާ ތަކެތި ވިއްކަންވާނީ ވަކިން ޕެކް ކުރެވިގެން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.