Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

މަރުވި މީހުންގެ އަދަދު 20،000 އަށް ވުރެ މައްޗަށް

ނުރައްކާތެރި ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 20،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

އެގޮތުން މިހާތަނަށް މި ބަލީގައި މުޅި ދުނިޔެ އިން 21،000 މީހުން މަރުވެފައިވާއިރު، މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ހަތަރު ލައްކަ އަށް އަރާފައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގައި މި ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާއިރު، މި ބަލީގެ ނުރައްކާ މިހާރު އެންމެ ބޮޑުވެފައިވަނީ ޔޫރަޕްގެ ގައުމުތަކުގެ އިތުރުން އެމެރިކާގައެވެ.

އެގޮތުން ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މި ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ އިޓަލީ އަދި ސްޕެއިންގައެވެ. މި ބަލީގައި އިޓަލީން 6،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ސްޕެއިން އަކީ މި ބަލީގައި ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ.

އަދި އެމެރިކާގައި މި ބަލީގައި 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެގައުމުގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 70،000 އާއި ގާތްކޮށްފައެވެ.

މި ބަލީގެ ނުރައްކާ އެކި ގައުމުތަކަށް ކޮށްފައިވާއިރު، ބައެއް ގައުމުތަކުން ވަނީ ބަލިން ރައްކާތެރިވާން ލޮކްޑައުންގެ އަމުރު ނެރެ، ކުއްލި ހާލަތުވެސް އިއުލާންކޮށްފައެވެ.