Last Updated: April 18, 16:07
Thursday, April 18, 2024
ދުނިޔެ

ލޮކްޑައުންއާ ހިލާފުވުމުން އިންޑިއާ އިން 5000 މީހުން ހައްޔަރުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން 5،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

21 ދުވަހަށް އިންޑިއާ ލޮކްޑައުނަކަށް ގޮސްފައިވާއިރު އިންޑިއާގެ ދިއްލީ ފުލުހުން އާންމުކުރި ހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނި ވެސް ލޮކްޑައުންއާ ގުޅިގެން ސަރުކާރުން އަންގާފައިވާ އެންގުންތަކާ ހިލާފުވެގެން 183 މައްސަލައެއް ހުށަހެޅި 5،103 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި 956 ވެހިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ދިއްލީ ފުލުހުން ހާމަކުރެއެވެ.

21 ދުވަހަށް އިންޑިއާ ލޮކްޑައުނަކަށް ދިޔުމަށް ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ.

އިންޑިއާގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާއިރު، އެގައުމުން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި މި ބަލީގައި އެގައުމުން ވަނީ 8 މީހުން މަރުވެފައެވެ.