Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ޔާމީންއާ މެދު ތަފާތު ކުރުން ގެންގުޅޭކަން ޔަގީންވެއްޖެ: އަދުރޭ

ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ މެދު ސަރުކާރުން ތަފާތު ކުރުން ގެންގުޅޭކަން ޔަގީންވެފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ކޮވިޑް-19 އާއި ގުޅިގެން ޔާމީން ޖަލުން މިނިވަން ކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވަންތޯ ނޫސްވެރިއަކު އިއްޔެ ކުރެއްވި ސުވާލަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ޖަވާބަކާ ގުޅިގެންނެވެ.

އެގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ޖަލުގައި ހުރި ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.

އެކަމާ ގުޅިގެން ރޭ ޓީވީ ޗެނަލެއްގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ރައީސް ސޯލިހު ދެއްވި ޖަވާބުން ލިބިވަޑައިގެންނެވީ ހައިރާން ކަމެއް ކަމަށާއި ޖަލުގައި ހުރި ވަކި މީހަކަށް ވަކި ގޮތެއް ނުހަދާނަމަ އެމްއެމްޕީއާރްސީގެ މައްސަލާގައި ހުކުމްކޮށްފައިވާ އަދި މިހާރު ގޭ ބަންދުގައި ތިއްބެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕިއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހުންނަވަން ވާނީ ޖަލުގައި ކަމަށެވެ.

"އެހެންވީމަ މިއަދު ކަށަވަރުވެގެން މިދިޔައީ ރައީސް ޔާމީންއާ ދޭތެރޭ ތަފާތު ކުރުންތަކެއް ރައީސް ސޯލިހު ގެންގުޅުއްވާކަން. މީގެ ކުރިއަށް ވުރެ ވެސް ބޮޑަށް މިއަދު އެކަން ޔަގީންވެގެން މިދިޔައީ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި މަލްޓިޕާޓީ ޑިމޮކްރެސީއެއްގައި އިދިކޮޅު ފަރާތަކީ ދައުލަތުގެ އެއް ބާރު ކަމަށާއި އަދި ޔާމީން އަކީ އިދިކޮޅު ލީޑަރަށްވާއިރު އެމަނިކުފާނު ޖަލުގައި ބާއްވައިގެން ތަފާތުކުރުން ގެންގުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.

އެ މައްސަލައިގެ އިތުރުން ޔާމީން، 1.4 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެެ އެ ފައިސާ ލޯންޑަރކުރެއްވި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.