Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

އައްޑޫގެ ވިޔަފާރިތައް ރޭގަނޑު ބަންދުކުރަން އެންގީ އެޗްޕީއާ މަޝްވަރާނުކޮށް!

ސަރުކާރުގެ ތަރުޖަމާނު މަބްރޫކު:، ފޮޓޯ: ސަން

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ހުޅުވުން މަނާކުރަން އައްޑޫ ކައުންސިލުން ނިންމާފައިވަނީ އެޗްޕީއޭއާ މަޝްވަރާ ކުރުމެއް ނެތި ކަމަށް ސަރުކާރުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިރެއިން ފެށިގެން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި، އާންމު ހިދުމަތް ދޭ ތަންތަން ކަމުގައިވާ ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކަމަށެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ކޮވިޑް-19 ގެ ކަންކަމާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ކައުންސިލްގެ އެ ނިންމުން ސޯޝަލް މީޑިޔާ އިން ފެނިވަޑައިގެންނެވި ކަމަށާއި އެއީ އެޗްޕީއޭއާ މަޝްވަރާ ކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އަދި ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި ސިއްހީ ފަރާތްތަކުން ބުނާ ގޮތަށް ކަންކަން ކުރުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް އޮންނާނީ ކައުންސިލްތަކަށް އަންގާފައި ކަމަށާއި ކައުންސިލްގެ އެ ނިންމުމުގެ ގާނޫނީ ސައްހަ ކަމާއި މެދު ވަކި އެއްޗެއް މިވަގުތު ދަންނަވަން ދަތި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"މަޝްވަރާ ކުރެވިގެން ކުރި ކަމެއް ނޫން އެއީ" މަބްރޫކް ވިދާޅުވިއެވެ.

އައްޑޫގެ ވިޔަފާރިތައް ރޭގަނޑު ބަންދުކުރުމުގެ އިތުރުން، އިތުރު ބައެއް ކަންކަމަށް ސަމާލުވުމަށް ވެސް ކައުންސިލުން ނެރުނު އިއުލާނުގައި ވަނީ އަންގާފައެވެ.

ގާޑިޔާތަކުގެ ހިދުމަތް ދެވޭނީ، ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހުގައި ކަމަށާއި ގާޑިޔާތަކުގައި ތައްޔާރު ކޮށްގެން ވިއްކާ ހެދިކާ، މަސްކާށި، ކޮފީ ފަދަ ތަކެތި ވިއްކުމަކީ މަނާ ކަމެއް ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އަދި ގާޑިޔާތަކުގައި ގޮނޑި، ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ހިދުމަތް ނުދެވޭނެ ކަމަށާއި ކެފޭ، ރެސްޓޯރަންޓް އަދި ގާޑިޔާ ތަކުގައި ދުފާ ތަކެތި ވިއްކަންވާނީ ވަކިން ޕެކް ކުރެވިގެން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ވަނީ މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅޭނެ ކަމަށްވެސް ބުނެފައެވެ.