Last Updated: March 29, 10:52
Friday, March 29, 2024
ޚަބަރު

ރާއްޖޭގެ ހާލަތު ބަދަލުނުވާނެ ކަމަށް ނިންމޭކަށް އަދި ނެތް

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު ބަދަލުނުވާނެ ކަމަށް ނިންމެން އަދި ނެތް ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އަށް މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި މިހާރު ފަރުވާދެމުންދާ ފަސް މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.މުރާދު ވިދާޅުވީ މާތްﷲ ގެ ރަހުމަތްފުޅުން މިވަގުތު އިތުރު މީހަކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައި ނުވުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި ނަމަވެސް ރާއްޖޭގެ ހާލަތު ބަދަލު ނުވާނެ ކަމަށް އަދި ނުނިންމާ ކަމަށެވެ.

އެގޮތުން އަދިވެސް ތިބެންޖެހޭނީ ކުރިން އަޅާފައި ހުރި ފިޔަވަޅުތަކުގެ މަތީގައި ސަމާލުވެގެން ކަމަށާއި، ދުނިޔޭގައި މި ބަލީގެ ކަންކަން ބަދަލުވަމުންދާ ގޮތް ކައިރިން ބަލައި ހުޝިޔާރުވެގެން ތިބެންޖެހޭ ކަމަށްވެސް ޑރ.މުރާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތަކަށް އެއްވެސް ލުއިކަމެއް ނާދޭ. އެންމެ ފުރަތަމަ ދުވަހެކޭ އެއްގޮތަށް ވަރަށް ބުރަ މަސައްކަތްތަކެއް އަދިވެސް ކުރަމުން މިދަނީ. މި މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ އެއްބާރުލުން، އަޅުގަނޑުމެން މިދޭ އިރުޝާދުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޭނުންވޭ" ޑރ.މުރާދު ވިދާޅުވިއެވެ.

މި ބައްޔާއި ގުޅިގެން ރާއްޖޭގައި ވަނީ މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އިތުރު ހަފްތާއަކަށް ސަރުކާރާއި ސްކޫލްތައް ބަންދުކުރަން ނިންމާފައިވާއިރު މާދަމާ ރެއިން ފެށިގެން ރާއްޖެ އިން ބޭރުން ފަތުރުވެރިންނަށް ރާއްޖެ އެތެރެވުން މަނާކުރަން މިހާރު ވަނީ ނިންމާފައެވެ.