Last Updated: April 25, 18:52
Thursday, April 25, 2024
ދުނިޔެ

އިންޑިއާގެ ފަގީރުންނަށް އެހީވާން 22 ބިލިއަން ޑޮލަރުގެ ޕެކޭޖެއް

ކޮވިޑް-19 އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާގެ ފަގީރުންނަށް ދިމާވާ ދަތިތަކަށް އެހީވުމުގެ ގޮތުން 22 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެގައުމުގެ ސަރުކާރުން އިއުލާންކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގައި 21 ދުވަހުގެ މުއްދަތަކަށް މިހާރު ވަނީ ލޮކްޑައުންގެ ހާލަތު އިއުލާންކޮށްފައެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތަރަމަން މިއަދު ވިދާޅުވީ މި ޕެކޭޖުގެ ދަށުން ފަގީރުންނާއި، މަސައްކަތްތެރިންނާއި އަދި ވަގުތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

އެގޮތުން މި ޕެކޭޖުގެ ދަށުން 800 މިލިއަން މީހުންނަށް ފަސް ކިލޯ ގްރާމްގެ ރޭޓުން ހަނޑުލާއި، ގޮދަން ކުރިއަށް އޮތް ތިން މަސް ދުވަހު ހިލޭ ދިނުމަށް ވަނީ ނިންމާފައެވެ.

އަދި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭ އަދަދު އިތުރުކުރުމަށާއި، ސަބްސިޑީތައް ދިނުން އަވަސްކުރުމާއި، ސަރުކާރުގެ ސްކީމްތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ދަނޑުވެރިންނާއި، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނާއި، ނުކުޅެނދޭ ފަރާތްތަކުގެ އިތުރުން އެކަނިވެރި މައިންނަށް ވެސް ހާއްސަ ގޮތްތަކެއް މި ޕެކޭޖުގެ ދަށުން ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މެޑިކަލް އިންޝޫރެންސްގެ ގޮތުގައި ކޮންމެ މީހަކަށް 66،400 ޑޮލަރު ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފައެވެ.

އިންޑިއާގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާއިރު، އެގައުމުން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި މި ބަލީގައި އެގައުމުން ވަނީ 8 މީހުން މަރުވެފައެވެ.