Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ވިޔަފާރިތައް ބަންދުކުރަން ނިންމީ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ހުޅުވުން މަނާކުރަން ނިންމީ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވެއްޖެއެވެ.

ސޯބެ މިހެން ވިދާޅުވެފައިމިވަނީ ކައުންސިލުން އެ ނިންމުން ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މަޝްވަރާނުކޮށް ކަމަށް ކޮވިޑް-19 ގެ ކަންކަމާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް މިއަދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ސޯބެ ވިދާޅުވީ އައްޑޫގެ ވިޔަފާރިކުރާ ތަންތަން ހަވީރު 6:00 އިން ބަންދުކުރަން ނިންމީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސް އާއި މަޝްވަރާކުރުމަށްފަހު އައްޑޫ ކޮވިޑް-19 ޓާސްކްފޯހުން އެގޮތަށް ނިންމުމުން ކަމަށެވެ.

އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކައުންސިލުން ގަވާއިދުން ފިޔަވަޅު އަޅާނެ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިރެއިން ފެށިގެން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި، އާންމު ހިދުމަތް ދޭ ތަންތަން ކަމުގައިވާ ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކަމަށެވެ.

ކައުންސިލުން ވަނީ މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅޭނެ ކަމަށް ބުނެފައެވެ.