Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ކޮވިޑް-19: އޭޑީބީން ރާއްޖެއަށް ފަސް ލައްކަ ޑޮލަރު ދެނީ

ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކުން (އޭޑީބީ) 500،000 ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

އޭޑީބީގެ އޭޝިއާ ޕެސިފިކް ޑިޒާސްޓާ ރެސްޕޮންސް ފަންޑުން ދިނުމަށް ނިންމާފައިވާ މި އެހީގެ ސަބަބުން އިގްތިސާދީ ގޮތުން ރާއްޖެ އަށް ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބި، ސިއްހީ ދާއިރާ އަށް ބޭނުންވާ ސާމާނުތަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރަން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އޭޑީބީގެ ސީނިއާ ސޯޝަލް ޑިވެލޮޕްމެންޓް ސްޕެޝަލިސްޓު އުޒްމާ ވިދާޅުވީ އޭޑީބީ އަކީ އެެމެޖެންސީތަކުގައި އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކަށް އެހީވުމުގެ ރަނގަޅު ޓްރެކް ރެކޯޑެއް އޮތް އިދާރާއެއް ކަމަށާއި އެގޮތުން ރާއްޖެ އަށް އެހީ ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި އަދި ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދޭ އެހެނިހެން ފަރާތްތަކާއެކު ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭޑީބީން ވަނީ ކޮވިޑް-19 އާއި ގުޅިގެން އެ އިދާރާގެ މެމްބަރު ގައުމުތަކަށް އެހީވުމަށް 6.5 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ތައާރަފްކުރިކަން އިއުލާންކޮށްފައެވެ.

އޭޑީބީން ރާއްޖެ އަށް އެހީވެފައިވާއިރު ވޯލްޑް ބޭންކުން ވެސް ރާއްޖެ އަށް ވަނީ އެހީދީފައެވެ. އެގޮތުން ވޯލްޑް ބޭންކުން ވަނީ ރާއްޖެ އަށް 10 މިލިއަން ޑޮލަރު ދީފައެވެ.