Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

މިއީ ދަތިކޮށް އުޅޭ އާއިލާތަކަށް ޒަކާތު ފަންޑުން އެހީވާންވީ ވަގުތު

ކޮވިޑް-19 ގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް ޒަކާތު ފަންޑުން އެހީވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ގޮވާލައްވައިފިއެވެ.

ޝަހީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރާއްޖޭގެ ޒަކާތު ފަންޑު ފުޅާ ދާއިރާއެެއްގައި އޮޕްރޭޓް ކުރަންވީ ވަގުތު ކަމަށާއި އެގޮތުން މިއީ ވަޒީފާތަކުން ވަކިވާ މީހުންނާއި، ދަތިކޮށް އުޅޭ ޢާއިލާތަކާއި ރާއްޖޭގައި ތިބި އެހެން ޤައުމުތަކުގެ މުސްލިމުންނަށް އެހީވާންވީ ވަގުތ ކަމަށެވެ.

އަދި މިސްކިތް ފަންޑުން ވެސް މިސްކިތްތަކާއި ގުޅޭ ކަންކަމުގައި އެހީވެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކު މިނިސްޓްރީން ބަލަހައްޓަމުންދާ ޒަކާތު ފަންޑަކީ އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ބޭނުންކުރަމުން އަންނަ ފަންޑެކެވެ. މިހާތަނަށްވެސް އެ ފަންޑުން ގިނަ ބަޔަކަށް ވަނީ އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮވިޑް-19 ގެ ސަބަބުން ބައެއް ފަރާތްތަކުން މުވައްޒަފުންގެ ވަޒީފާގެ ހާލަތަށް ބަދަލު ގެންނަމުންދާއިރު، އިކޮނޮމިކް މިނިސްޓްރީން ވަނީ އެފަދަ ހާލަތެއް މެދުވެރިވާ މުވައްޒަފުން އެ މިނިސްޓްރީގައި ގާއިމުކޮށްފައިވާ ޖޮބްސެންޓަރަށް ރިޕޯޓުކުރުމަށް އެދިފައެވެ.

އެގޮތުން މިހާތަނަށް ޖޮބްސެންޓަރަށް އެފަދަ 104 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ގެއްލުންތައްވާ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ އެހީ ޕެކޭޖެއް ތައާރަފްކޮށްފައިވާއިރު، މުވައްޒަފުންގެ ކަންކަމަށް އިހާނެތިކޮށް ކަންކުރާ ކުންފުނިތަކަށް އެ ޕެކޭޖުން އިސްކަން ނުދޭނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.