Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އަތޮޅުތެރޭގެ ކެފޭތަކުގައި ހިދުމަތް ދިނުން ހުއްޓާލަކަށް ނާންގަން: އެޗްޕީއޭ

އެޗްޕީއޭ- ފޮޓޯ: ސަން

އަތޮޅުތެރޭގެ ކެފޭތަކުގެ ހިދުމަތްތައް ދިނުން ހުއްޓާލަން އެއްވެސް ސިފައެއްގައި އަންގާފައިނުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭ އިން މިހެން ބުނެފައިމިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ހުޅުވުން މަނާކުރަން އައްޑޫ ކައުންސިލުން ނިންމުމެއް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިރެއިން ފެށިގެން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި، އާންމު ހިދުމަތް ދޭ ތަންތަން ކަމުގައިވާ ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކަމަށެވެ.

އެކަމާ ގުޅިގެން އެޗްޕީއޭ އިން މިރޭ ބުނީ މާލެ ސަރަހައްދު ފިޔަވައި އެހެން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ/ހޮޓާ/ރެސްޓޯރެންޓްތަކުގެ ޚިދުމަތްތައް ދިނުން ހުއްޓާލާން އެއްވެސް ސިފައެއްގައި އެ އިދާރާއިން އަންގާފައިނުވާނެ ކަމަށެވެ.

އަދި އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެންނަން އެއްވެސް ލޯކަލް ކައުންސިލަކަށް އަންގާ، ނުވަތަ އިރުޝާދު ދީފައެއްވެސް ނުވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީގެއިތުރުން އެޗްޕީއޭ އިން ވަނީ އެކި ސަރަހައްދުތަކުގައި ޤާއިމުކޮށްފައިވާ ޞިއްޙަތާއިބެހޭ ޓާސްކްފޯސްތަކުން އެ އިދާރާގެ އެންގުންތަކަށާއި އިރުޝާދުތަކަށް ބޯލެނބުމަށް ނަސޭހަތްތެރިވެފައެވެ.

އެޗްޕީއޭ އިން މިހެން ބުނެފައިވާއިރު އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވީ އެ ނިންމުން ނިންމާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސް އާއި މަޝްވަރާކުރުމަށްފަހު އައްޑޫ ކޮވިޑް-19 ޓާސްކްފޯހުން އެގޮތަށް ނިންމުމުން ކަމަށެވެ.

އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކައުންސިލުން ގަވާއިދުން ފިޔަވަޅު އަޅާނެ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.