Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މާދަމާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހަޔާތުގައި ހިތާމަވެރި ދުވަހެއް

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު - ފޮޓޯ: ޓޫރިޒަމް މިނިސްޓަރު

މާދަމާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހަޔާތުގައި ހިތާމަވެރި ދުވަހެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ އދ.ގެ މައި ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯ އިން އެކުލަވާލި ގްލޯބަލް ކްރިސިސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ސައުތު އޭޝިއާ އަދި ރާއްޖެ ތަމްސީލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ މާދަމާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހަޔާތުގައި ވަރަށް ވެސް ހިތާމަވެރި ދުވަހެއް ކަމަށާއި، އެގޮތުން މާދަމާ އިން ފެށިގެން މިވަގުތަށް ރާއްޖެ އަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކަމަށެވެ.

ނަމަވެސް ދުނިޔެ އަބަދު ލޮކްޑައުންކޮށްގެން ނުތިބެވޭނެ ކަމަށާއި ކޮވިޑް-19 ބަލިން ރައްކާތެރިވެ ސަލާމަތްތެރިކަން ހޯދުމުގައި ދުނިޔޭގެ ހުރިހާ ގައުމުތަކެއް ގުޅިގެން ޑަބްލިއުއެޗްއޯގެ އެންގުންތަކާ އެއްގޮތަށް އަވަސް ހަރުދަނާ ވަރުގަދަ ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި ކޮވިޑް-19 ޖެހުނު ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތައް އެބަލިން ރަނގަޅުވެފައިވާ ކަމަށާއި ރާއްޖެ އާއި މުޅި ދުނިޔެ އަށް ވެސް މިކަމުން އަރައިގަނެވެން އޮތީ ހުރިހާ ގައުމުތަކެއް ވެސް ގުޅިގެން ކުރާ މަސައްކަތެއްގެ ތެރެއިން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލުވުމުގައި "ސަޕޯޓިން ޖޮބްސް އެންޑް އިކޮނޮމީސް ތްރޫ ޓޫރިޒަމް" ގެ ދަށުން "މިޓިގޭޓިން ދަ ސޯޝިއޯ އިކޮނޮމިކް އިމްޕެކްޓް އޮފް ކޮވިޑް-19 އެންޑް އެކްސެލެރޭޓިން ރިކަވަރީ" ކަރުދާހުގެ މައްޗަށް ކޮމިޓީގެ މެމްބަރުން ބަހުސް ކުރެއްވި ކަމަށެވެ.