Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޗާޓަރ ފްލައިޓް މެދުވެރިކޮށް ދިވެހިން ގެންނަން ހުއްދަ ދިނުން މެދުކަނޑާލައިފި

ވެލާނާ އެއާޕޯޓް-

ވަކިވަކި ފަރާތްތަކަށް ޗާޓަރ ފްލައިޓް މެދުވެރިކޮށް ދިވެހިން ގެނައުމުގެ ހުއްދަ ދިނުން މެދުކަނޑާލައިފި އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން އެކި ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރުތައް ހުއްޓިފައިވާ ގައުމުތަކުގައި ތިބި ދިވެހިންގެ ހާލަތު ސަރުކާރުން ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން ރާއްޖެ އަނބުރާ އަންނަ ހުރިހާ ދިވެހިން ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖެ އިން ބޭރުގައި ތިބި ދިވެހިން ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށް ނިންމާފައިވަނީ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ވަކި ވަކި ފަރާތްތަކުން ޗާރޓާކޮށްގެން ދިވެހިން ގެނައުމަށް އޮޕަރޭޓް ކުރަން އެދި ހުށައަޅާ ފްލައިޓްތަކަށް ހުއްދަ ދިނުން މެދުކަނޑާލާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަވަށްޓެރި އިންޑިއާ އަދި ލަންކާ އަށް ފްލައިޓުތައް ޖެއްސުން މިވަގުތު މަނާކޮށްފައިވާއިރު، އެ ދެ ގައުމުގައި ވެސް ގިނަ އަދަދަކަށް ދިވެހިން އުޅެމުން ދެއެވެ.