Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ޑިގްރީ ޕްރޮގްރާމްގެ ދަރިވަރުންގެ ފީ ސަރުކާރުން ދައްކައިދެނީ

ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ފީތައް އަންނަ މަހުން ފެށިގެން ސަރުކާރުން ދައްކައިދިނުމުގެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ކޮވިޑް-19 އާއި ގުޅޭ ކަންކަމުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިހާރު އޮންނަ ގޮތުން އެ ޕްރޮގްރާމްގައި ކިޔަވަމުންދާ ދަރިވަރުން އަމިއްލަ އަށް ފީ ދެއްކުމުން އެ ފައިސާ ސަރުކާރުން އަނބުރާ އެ ދަރިވަރުންނަށް ދޭ ކަމަށާއި ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެކަމަށް ލުއިތަކެއް އަންނަ މަހުން ފެށިގެން ހޯދައިދޭން މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

"މިނިސްޓަރު ދެއްވާ ޖަވާބަކީ، މިނިސްޓަރު މަސައްކަތް ކުރައްވަމުން މިގެންދަވަނީ އެ މަގަށޭ. އިރާދަކުރެއްވިއްޔާ އޭޕްރީލް މަހުން ފެށިގެން އެ ދަރިވަރުން ދައްކަންޖެހޭ ފީތައް އަމިއްލަ އަތުން ހަރަދުނުކޮށް މިނިސްޓްރީން ދެއްކޭނެ އިންތިޒާމެއް ރާވަދޭނަމޭ" މަބްރޫކް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ ސްޓޫޑެންޓް ލޯނު ދެއްކުން ވެސް ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ނިންމާފައެވެ.

މި ލޯނަކީ ކޮންމެ އަހަރަކު އެތައް ސަތޭކަ ދަރިވަރުން ކުރިމަތިލާ ލޯނެކެވެ. އެގޮތުން މިއަހަރު ލޯނަށްވެސް 1300 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ.