ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖޭގައި ސިއްހީ މަސައްކަތްތެރިން ކުރަމުންދާ މަސައްކަތްތަކަކީ، ގައުމީ ސަލާމަތަށްޓަކާ ކުރެވޭ މަސައްކަތްތަކެއް ކަމަށާއި އެ ފަރާތްތަކުންދޭ އިރުޝާދުތަކަށް އަމަލުކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރު މުހައްމަދު އަލީ އިލްތިމާސްކުރައްވައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އަލީ ވިދާޅުވީ ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި ދެ މީހަކު ރަނގަޅުވިކަން ފުރަތަމަ އިއުލާން ކުރުމާއެކު މީހުން މަގުތަކަށް ނިކުމެ އުޅުނު މަންޒަރު ފެނިގެންދިޔަ ކަމަށާއި ނަމަވެސް ނުރައްކާތެރި ހާލަތަކަށް ރާއްޖެ ނުވެއްޓޭނީ އެންމެންގެ އެއްބާރުލުމާއެކުގައި ކަމަށެވެ.
"މިއީ ގައުމީ ސަލާމަތަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތެއް. އަޅުގަނޑުމެން މި ކުރާ މަސައްކަތަށް ތިޔަބޭފުޅުން އިހުތިރާމް ކުރައްވާށޭ" ޑރ.އަލީ ވިދާޅުވިއެވެ.
ސިއްހީ ފަރާތްތަކުން މަސައްކަތް ކުރަނީ ބަލީގެ "ޕީކް" ނުވަތަ "ކާވް" ކުޑަ ކުރަން ކަމަށާއި، ސިއްހީ ފަރާތްތަކުން ކިތަންމެ މަސައްކަތްތަކެއް ކުރި ނަމަވެސް އެއަށް އަމަލުކުރަން ތިބި އާންމު ފަރާތްތަކުން އެގޮތަށް އަމަލުނުކުރާނަމަ "ކާވް" ކުޑަނުކުރެވޭނެ ކަމަށްވެސް ޑރ.އަލީ ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖެއިން މި ބައްޔަށް އިތުރު މީހުންތަކެއް ޕޮޒިޓިވް ނުވުމުން ރާއްޖޭގައި މި ބަލި ނެތް ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވޭ ކަމަށާއި ނަމަވެސް އެކަން އެގޮތުގައި ހިފެހެއްޓެނީ އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމުގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 9 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި މިހާރު ފަރުވާދެމުންދާ ހަތަރު މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ.