Last Updated: April 26, 20:24
Friday, April 26, 2024
ދުނިޔެ

ކޮވިޑް-19: ޖިއްދާ ވެސް ލޮކްޑައުންކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ސައުދީ އަރަބިއްޔާގެ ޖިއްދާ ވެސް ލޮކްޑައުންކޮށްފިއެވެ.

ސައުދީ ޕްރެސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖިއްދާ އަށް ވަދެ ނިކުމެވޭ ހުރިހާ ބޯޑަރެއް ބަންދުކޮށް، އެގައުމުގެ ގަޑިން މިއަދު މެންދުރު 3:00 އިން ފެށިގެން ކާފިއު ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މީގެކުރިން ސައުދީ ސަރުކާރުން ވަނީ މުސްލިމުންގެ މުގައްދަސް ދެ ބިން ކަމުގައިވާ މައްކާ އާއި މަދީނާ އަދި ސައުދީ އަރަބިޔާގެ ވެރިރަށް ރިޔާދު ވެސް ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ.

މިއީ ކޮވިޑް-19 ސައުދީގައި ފެތުރުން ހުއްޓުވުމަށްޓަކާ އެޅި ފިޔަވަޅެކެވެ. ސައުދީން މީގެކުރިން ވަނީ އެގައުމުގެ އެތެރޭ އުދުހުންތަކާއި، އެއްގަމު ދަތުރުފަތުރުވެސް ވަނީ މަނާކޮށްފައެވެ.

ސައުދީން ކޮވިޑް-19 ޖެހިފައިވާ 200 އަށްވުރެ ގިނަ މީހުން ފެނިފައިވާއިރު މި ބަލީގައި އެގައުމުން ވަނީ ތިން މީހަކު މަރުވެފައެވެ.