Last Updated: April 28, 15:28
Sunday, April 28, 2024
ޚަބަރު

ކަރަންޓީނު ކުރާ އެންމެން ޓެސްޓު ކުރަން ނިންމައިފި

ކޮވިޑް19 އާ ގުޅިގެން ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން -- ފޮޓޯ / މިހާރު

ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނު ކުރެވޭ ހުރިހާ އެންމެން ޓެސްޓު ކުރަން ނިންމައިފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ އެެތެެރެހަށީގެ ހާއްސަ ޑޮކްޓަރު އަލީ ލަތީފް ވިދާޅުވީ ފާއިތުވެދިޔަ ތަޖުރިބާ އަށް ވެސް ބަލައި، އަދި ރާއްޖޭގައި ކޭސްތައް ވެސް ގިނަވަމުންދާތީ އާއި ޑަބްލިއުއެޗްއޯގެ ލަފަޔާއެކު މިހާރު ނިންމާފައިވަނީ ކަރަންޓީނުކުރާ އެންމެން ވެސް އެމީހުންގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ދޫކޮށްލުމުގެ ކުރިން އެމީހުން ޓެސްޓުކުރާ ގޮތަށެވެ.

"އަޅުގަނޑުމެން މިހާރު މި ނިންމަނީ ކަރަންޓީނުކުރާ ހުރިހާ އެންމެން ވެސް، އެމީހުންގެ ކަރަންޓީނުގެ ދުވަސް ހަމަވުމަށްފަހު، ކަރަންޓީނު ފެސިލިޓީން ދޫކޮށްލާއިރުގައި ޓެސްޓު ހަދަން" ޑރ.އަލީ ލަތީފް ވިދާޅުވިއެވެ.

ޑރ.އަލީ ލަތީފް ވިދާޅުވީ މިއީ ގެންނަ ވަރަށް ބޮޑު ތަފާތެއް ކަމަށާއި މިކަން ކުރަން ނިންމީ މީހުން ޓެސްޓު ކުރެވޭ ވަރަށް ޓެސްޓު ކިޓުތައް ވެސް މިހާރު ހުރުމުން ކަމަށެވެ.

މީގެކުރިން އޮންނަ ގޮތުން ކަރަންޓީނުގެ 14 ދުވަސް ހަމަވުމުން އެމީހުންގެ ގައިން ބަލީގެ އަލާމާތެއް ނުފެންނަނަމަ އެމީހުން ކަރަންޓީނު ފެސިލިޓީއަކުން ދޫކޮށްލަނީއެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން ރާއްޖެ އަންނަ ހުރިހާ އެންމެން ކަރަންޓީނުކުރާ ގޮތަށެވެ. އަދި ކިރިޔާ ވެސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ އެމީހަކު ކޮވިޑަށް ޓެސްޓު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.