Last Updated: April 27, 10:17
Saturday, April 27, 2024
ދުނިޔެ

އިންޑިއާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 1،000 އަށް

ކޮވިޑް-19 އަށް އަވަށްޓެރި އިންޑިއާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 1،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން މިރޭޭ އާންމުކުރި ނަމްބަރުތަކަށް ބަލާއިރު، އިންޑިއާ އިން މިހާތަނަށް ވަނީ މި ބައްޔަށް 1024 މީހުން ޕޮޒިޓިވްވެ 27 މީހަކު މަރުވެފައެވެ.

އިންޑިއާ އިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 95 މީހަކު ރަނގަޅުވެފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާ މިހާރު އޮތީ 21 ދުވަހުގެ ލޮކްޑައުނެއްގައެވެ.

އަދި އިންޑިއާ އަށް ފްލައިޓުތައް ޖެއްސުން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ނަމަވެސް ކާގޯ ފްލައިޓުތައް މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް އޮޕަރޭޓް ކުރަމުންދާނެއެވެ.

އިންޑިއާ އަށް ބައިނަލްއަގުވާމީ ފްލައިޓްތައް އޮޕަރޭޓް ކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރިއިރު، އެގައުމުން ވަނީ މި މަހުގެ ނިޔަލަށް އެތެރޭގެ އުދުހުންތައް ވެސް ހުއްޓާލަން ނިންމާފައެވެ.