Last Updated: April 26, 20:05
Friday, April 26, 2024
ޚަބަރު

ވިޔަފާރިތަކަށް ހުރަސް އެޅުމަކީ ހެދޭ ގޯހެއް: ސައީދު

މުހައްމަދު ސައީދު - ފޮޓޯ: މަޖިލިސް

ވިޔަފާރިތަކަށް ހުރަސް އެޅުމަކީ ސަރުކާރަށް ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް އަސަރުތަކެއް ކުރަމުންދާއިރު، މިއީ އިންކަމް ޓެކްސް ނަގަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާބޮޑަށް ރާއްޖޭގެ އިޤްތިސާދު އަރިއަޅާލި ވަގުތު، ކަށިހިތްވަރުނެރެ، ވިޔަފާރިތަކަށް ދަތިވާނެހާ ކަންކަން ކޮށް، ހުރަސް އެޅުމަކީ، މަޖިލިހާއި ސަރުކާރަށް ހެދޭނެ އެންމެބޮޑު ގޯސް ކަމަށެވެ.

"މިކަމުން ގެއްލިދާނީ އެތައްހާސް ވަޒީފާ. ނިކަމެތި ވާނީ އެތައް އާޢިލާތަކެއް" ސައީދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ފުއްދުންތެރިކަން ހުންނަ މީހާ ދައުލަތައް އެއްޗެއް ދޭންވީ ވަގުތަކީ މިއީ ކަމަށެވެ.

""އަޅުގަނޑު ދަންނަވަން ބޭނުންވަނީ މިއީ އޭ އިންކަމް ޓެކްސް ނަގަންވީ ވަގުތަކީ. ފުދުންތެރިކަން ހުންނަ މީހާ ދައުލަތަށް އެއްޗެއް ދޭންވީ ވަގުތަކީ މިއީއޭ، އަޅުގަނޑު ދަންނަވާނީ" އީވާ ވިދާޅުވިއެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިންކަމް ޓެކްސް ނަގަން ފަށާފައިވާއިރު، މުސާރަ އާއި ލިބޭ އިނާޔަތްތަކުން ޓެކްސް ނަގަން ފަށާނީ އަންނަ އޭޕްރީލް އެކަކުން ފެށިގެންނެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިންކަމް ޓެކްސްގެ ބިލް ހުށައެޅުއްވީ މަހަކު 40،000 ރުފިޔާއަށްވުރެ އިތުރަށް ޢާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމަށެވެ. ނަމަވެސް މަޖިލީހުން ބިލު ފާސްކޮށްފައި ވަނީ 60،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނެގުމަށެވެ.