Last Updated: April 26, 11:19
Friday, April 26, 2024
ރިޕޯޓް

"ބޭރަށް ނުގޮސް ގޭގައި މަޑުކުރައްވާ!" މިހެން ބުނެލުމަކުން އަދި ނުފުދޭ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ކްރޯނާ ވައިރެސް އެންމެ ބާރަށް ފެތުރެމުންދަނީ ބަސްނޭހި ގައުމުތަކުގައެވެ. އިޓަލީގައެވެ. އެމެރިކާގައެވެ. އެފަދަ އެހެން ގައުމުތަކުގައެވެ.

ކޮރޯނާ ވައިރަހުން ސަލާމަތްވާން ގައުމު ފުރަބަނދު ކުރަން އެދުމުން ބައެއް ގައުމުތަކުގެ ވެރިން އެކަމެއް ނުކުރެއްވިއެވެ. ބޭރަށް ނުނިކުންނަން ވެރިން އެންގެވުމުން ރައްޔިތުން އެއަޑެއް ވެސް ނޭހިއެވެ.

ބަސްނޭހި ގައުމުތަކުގެ ރައްޔިތުން މިއަދު ތިބީ ކޮރޯނާ ވައިރަހުގެ ޝިކާރައަކަށްވެ ހަނާހުނިވެފައެވެ. މަރުވެފައި ތިބި މީސްމީހުން ގަބުރުސްތާނަށް ގެންދަނީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ބޮން އަޅައިގެން މަރާލި، މީސްމީހުން ގެންދިޔަހެން ލޮރީތަކަށް ލައިގެންނެވެ. އެއީ ކާކު ކަމެއް މިއީ ކާކު ކަމެއް އެނގޭކަށް ނެތެވެ. ބަލިމީހުންނަށް ގޮވާލަން ދިއުމުގެ ހުއްދައެއްނެތެވެ. މުސްކުޅިން ތިބީ ބޭހެއް، ފަރުވާއެއްނުދީ މަރަށްދީގެންނެވެ. ދަރީންނަށް މައިންބަފައިންގެ، މައިންބަފައިންނަށް ދަރީންގެ ފާތިހާ ދުވަހެއްވެސް ނޭނގެއެވެ. ސައުވީސް ގަޑިއިރުގެތެރޭގައި 800 އަށްވުރެ 900 އަށްވުރެ ގިނަ މީހުން މަރުވަމުން އެބަދެއެވެ. ދެރައީ އެމީހުން ކޮއްޕާލާފައި ނަމަވެސް ވައްޓާލާނެ ސަންދޯކެއްހާ މިންވަރުވެސް ބައެއް ދިމަދިމާއިން ލިބެންނެތް ކަމެވެ.

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ! މި މުސްލިމު ގައުމުކަމަށް ދިވެހިން ދައުވާ ކުރާ ދިވެހިރާއްޖެ ކޮރޯނާ ވައިރަހުގެ ނުރައްކަލުން މިންޖުކުރައްވާނދޭވެ!

ކޮރޯނާ ވައިރަހުން ރައްޔިތުންނާއި ގައުމު ސަލާމަތް ކުރެއްވުމުގެ ނިޔަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރައްޔިތުން ބޭރަށް ނުގޮސް ގޭގައި މަޑުކުރުމަށް އެދިވަޑައިގެންފައެވެ.

"ބޭރަށް ނުގޮސް ގޭގައި މަޑުކުރައްވާ!" ރައީސް ވިދާޅުވިއެވެ.

ބޭރަށް ނުގޮސް ގޭގައި މަޑުކުރާށޭ ރައީސް ވިދާޅުވުމުން ފުދޭ ހެއްޔެވެ؟ މި އުޅެނީ ހައްދަވައި، ގެންގުޅުއްވާ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ތަބާ ނުވެވިގެންނެވެ. އެތައް ހާސް ބަޔަކު ވޯޓުނުދިންނަމަވެސް އަޣުލަބިއްޔަތުން ހޮވިވަޑައިގެންފައިވާ ރައީސްގެ ވާހަފުޅަށް މިމީހުން ތަބާ ވާނޭ ހެއްޔެވެ؟

"ތިޔަ ބޭފުޅުންވެސް އަމަލު ކުރަންވީ، ސިއްހީ ތަޖުރިބާ ކާރުން ދެއްވާ އިރުޝާދުތަކާއި ލަފާޔާ އެއްގޮތަށް. އެބޭފުޅުން އެ މަސައްކަތް ކުރަނީ ތިޔަ ބޭފުޅުންނަށް ޓަކައި. ތިޔަ ބޭފުޅުން ކޮށްދެއްވަންވީ ކަމަކީ ބޭރަށް ނުކުމެވަޑައިނުގެން ގޭގައި މަޑު ކޮށްދެއްވުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިއެއްޗެއް ވިދާޅުވެއްޖެއެވެ. ގޭގައި ތިބީ ގޭގައި ތިބެން ކުރީއްސުރެ، ކޮރޯނާ ވައިރަސް ރާއްޖެއަށް އައުމުގެ ކުރީއްސުރެން ވެސް ބޭނުންވެފައި ތިބި މީހުންނެވެ.

ރޭގަނޑު 11 ޖަހާއިރު 12 ޖަހާއިރު އެމްޕީއޭލް ހުރަސްޖޮށް ސައިކަލުގައި ދެޖިންސްގެ ދެމީހުން ދަނީ މުދާ ބާލާކަށް ނޫނެވެ. ކޮން ޒަރޫރީ ބޭނުމެއްގައި ހެއްޔެވެ؟ ތާރު އެޅި ބޮޑުތަކުރުފާނު މަގުން ދެޖިންސްގެ ޖޯޑުތަކާއި އެއްޖިސްސުގެ "ޖޯޑުތައް" ދަތުރުކުރަނީ ކޮން ޒަރޫރީ ބޭނުމެއްގައި ބާވައެވެ! ކާރުތަކާއި ޖިޕްތަކުގައި ތިބި މީހުންގެ ޒަރޫރީ ބޭނުން ހުރިގޮތެއް ނޭގެއެވެ. އެނގެނީ ގޭގައި ނުތިބޭކަމެވެ. މާލޭގެ މަގުތަކުން މީހުން ހުހެއްނުވެއެވެ. ހާހުން ހާހުން ގުނާލެވޭނެއެވެ. ރޯދައަށް ތައްޔާރުވަނީ ވެސް ތޯއްޗެވެ. އެކަމަކު ރޯދައަށް އިތުރު ކޮރޯނާ ވައިރަސް ރާއްޖެއަށް ބޭނުމެއްނޫނެވެ.

ސައިހޮޓާތަކާއި ރެސްޓޯރެންޓުތައް ނަމުގައި ބަންދުކޮށްފައި ހުއްޓަސް އެތަންތަނުން ކާބޯތަކެތި ގަނެގެންދާ މީހުން މަގުތަކާއި ގޯޅިތަކުގައި ތޮއްޖެހި ފުރި، ކައިބޮއި ހަދަމުންދާތަން އެބަފެނެއެވެ.

ކޮރޯނާ ވައިރަސް ހަލުއިކަމާއެކު ގައުމުތަކުގައި ފެތުރެމުންދާތީ ގައުމުތައް ފުރަބަންދުކޮށް ރައްޔިތުން ގޭގައި މަޑުކުރުމަށް ހުރިހާ ގައުމުތަކުން ވެސް މިއަދު ދަނީ އިލްތިމާސްކުރަމުންނެވެ. އިންޑިއާއިން ދަނީ ބައެއްފަހަރަށް ލަޓިބުރި ހިފައިގެން ރައްޔިތުން ފަހައިދުވެ ގެއަށް ވައްދަމުންނެވެ. ޖުރިމާނާ ކުރަމުންނެވެ. ރަޝިޔާގެ ބިރުކުޑަ ރައީސް ޕުޓިން ގެންދަވަނީ ގެއިން ބޭރަށް ނިކުމެ އުޅޭމީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވަމުންނެވެ. ބޭނުމަކީ ގައުމާއި ރައްޔިތުން ކޮރޯނާ ވައިރަހުން ސަލާމަތްކުރުމެވެ. ޕުޓިންއަކީ ޑިމޮކްރަސީގެ ވާހަކަދައްކަވާ ބޭފުޅެއްނޫނެވެ. އޭނާގެ ޑިމޮކްރަސީއަކީ އޭނާ ގަބޫލުކުރައްވާ ގައުމީ މަސްލަހަތެވެ. ޗައިނާއިން ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރީ ހަރުކަށި އަދި ހަރުދަނާ ސިޔާސަތުގެ ބޭނުންކޮށްގެންނެވެ. ޗައިނާ ދުނިޔޭގެ އެންމެ ބޮޑު ބާރަކަށްވާން ފައި ނަގާފައި ވަނީ ޑިމޮކްރަސީއާ ނުލައެވެ.

ރާއްޖޭގައި ގެއިން ބޭރަށް ނުގޮސް ގޭގައި މަޑުކުރާށޭ، މަޑުކުރާށޭ ކިޔަކިޔާ ތިބެންވީހެއްޔެވެ؟

ދަރުބާރުގޭގައި މާޗުމަހުގެ 25 ވަނަ ދުވަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކޮރޯނާ ވައިރަސް ޗައިނާގައި ފެތުރެންފެށުމާއެކު ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި ހާލަތާއި ގުޅޭ ގޮތަށް ކަންކަން ބަދަލު ކުރަމުން އަންނަނީ ސިއްހީ ތަޖުރިބާކާރުންގެ ލަފަޔާއި އެއްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމަށް ވާނަމަ، ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ތަންތަން ބަންދުކޮށްގެން، ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާއި އިޖުތިމާއީ ދުރުމިން ބެހެއްޓުމުގެ ސިޔާސަތު މިހާރަށްވުރެ ހަރުދަނާ ކުރަން ނުޖެހޭ ހެއްޔެވެ؟

ނުރައްކާތެރި ހާލަތަކަށް ރާއްޖެ ނުވެއްޓޭނީ އެންމެންގެ އެއްބާރުލުން ލިބިގެންނެވެ. އެންމެންގެ އެއްބާރުލުން ހޯދައިގެންނެވެ.

ރާއްޖޭގެ އިމުގައި ކޮރޯނާ ވައިރަސް ޖެހިފައި ތިބި މީހުން އެބައުޅެއެވެ.

ވައިރަސް ޖެހިފައިވާ މީހަކު ރާއްޖެއިން ފުރަތަމަ ފަހަރަށް ފެނުމުން ބުނީ އެއީ ދިވެއްސެއްނޫން ކަމަށެވެ. އިޓަލީ މީހެއްކަމަށެވެ. އަދަދު ގިނަވަމުން ދިޔައިރުވެސް ބުނަމުން ދިޔައީ ދިވެއްސަކަށް ނުޖެހޭކަމަށެވެ. ބަލިޖެހިފައިވާ ދިވެއްސަކު ފެނުމުން ބުނީ އެއީ ބޭރުން ބަލި ޖެހުނު މީހެއްކަމަށެވެ. އެކަމަކު ބަލިޖެހިފައި ތިބި ބަޔަކު އިތުރަށް ފެނި ބަލި ފެތުރެން ފަށައިފިނަމަ މައިތިރިކުރަން ވަރަށް އުނދަގޫވާނެއެވެ. މުޅި ގައުމަށް ވަރަށް ބޮޑު ނުރައްކަލަކަށް ވެގެންދާނެއެވެ. ދިވެހިރާއްޖެއަށް ކޮރޯނާ ވައިރަސް ފެތުރެން ފަށައިފިނަމަ ބަލި މީހުންނަށް ފަރުވާދިނުން ފަސޭހައެއް ނުވާނެއެވެ. އަދި ގިނަ އަދަދަކަށް މީހުން މަރުވާން ފަށައިފިނަމަ ވަޅުލުން ވެސް ވާނީ ވޭނަކަށެވެ. ކަން އެހެން އޮތުމުން ކޮރޯނާ ވައިރަހާމެދު ދިވެހިން މީހާރަށްވުރެ ސީރިޔަސް ވާން އެބަޖެހެއެވެ.

ދިވެހިރާއްޖެއަށް އަދި މިވަރަކުން ނުފުދެއެވެ. ހަރުދަނާ އިތުރުފިޔަވަޅުތަކެއް ބޭނުމެވެ. ސުނާމީ މިހާރު އަންނަނީ އިންޒާރުގެ ރަނގަބީލުތަކަށްފަހުންނެވެ. ކޮރޯނާ ފެތުރިގަންނާނީ ރަނގަބީލު ޖެހުމެއްނެތިއެވެ.

ކްރޯނާ ވައިރަސް އެންމެ ބާރަށް ފެތުރެމުންދާ، ބަސްނޭހި ގައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެއަށް ޖާގައެއް ބޭނުނުމެއް ނޫނެވެ.