Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

ބީއެމްއެލްގެ ލޯނުތައް ފަސްކޮށްދިނުމަށް މާދަމާ ފުރުސަތު ހުޅުވާލަނީ

ކޮވިޑް-19 އާއި ގުޅިގެން ބީއެމްއެލް އިން ދޫކުރާ ލޯނުތައް ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލް އިން މި މަހުގެ 19 އާއި ހަމައަށް ލޯނުތައް ނަގާފައިވާ މީހުންނަށް، އެ ލޯނުތައް ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ހުޅުވާލާނެ ކަމަށެވެ.

ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ސެޕްޓެމްބަރުގެ ނިޔަލަށް ހުޅުވާލެވިފައި އޮންނާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އަދި ލޯނުތައް ދެއްކުން ފަސްކޮށްދޭ ފުރަތަމަ 6 މަސް ދުވަހު ބޭންކަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވަރަށް ގިނަ ބޭފުޅުންގެ ސުވާލު ހުރި މާޗް މަހުގެ ރިޕޭމަންޓަށް ވެގެންދާނީ. އަޅުގަނޑުމެން އެ ފައިސާ ރީ ފަންޑު ކޮށްދޭނަން" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ލޯނު ދެއްކުން ފަސްކުރާ ހަ މަހަށް ފަހު، ޖެހިގެން އަންނަ ހަ މަސްދުވަސް ތެރޭގައި ކޮންމެ މަހަކަށް ދައްކަން ޖެހޭ އަދަދު 20 އިންސައްތަ މަދުކޮށް ދެއްކުމުގެ ފުރުސަތު ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި ލޯނު އަނބުރާ ދައްކަން ފަށާއިރު ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ކޮމްޕަައުންޑް އިންޓަރެސްޓް ނުނެގުމާއި ލޯނަށް އިތުރު ހަ މަސް ދުވަސް ދިނުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން ވަނީ އެ ބޭންކުން ދޫކޮށްފައިވާ ޕާސަނަލް، ހައުސިން އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ނިންމާފައެވެ.