Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ސީޕީ ހަމީދު، މާލޭގެ މަގުތައް ޕެޓްރޯލް ކުރެއްވުމުގައި

ތިން ގަޑިއިރަށް މާލޭގައި ކާފިއު އިއުލާންކޮށްފައިވާއިރު، މާލޭގެ މަގުތައް ޕެޓްރޯލް ކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ބައިވެރިވެ ވަޑައިގެންފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ޖޫނިއާ ފްރަންޓް ލައިން އޮފިސަރުންނާއެކު، ސީޕީ ހަމީދު ވެސް މަގުތައް ޕެޓްރޯލް ކުރެއްވުމުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިއްޔެ ނެރުއްވި އެންމެގުމެއްގައި ވަނީ ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އާ ހަމައަށް މާލޭ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލަން އަންގާފައެވެ.

އަދި އެ ގަޑިތައް ފިޔަވައި އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

މިއަދުން ފެށިގެން މި އެންގުމަށް އަމަލުކުރަން ފަށާފައިވާއިރު، އާއްމުންގެ ފަރާތުން މިކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް އަންނަނީ ލިބެމުންނެވެ.

މަގުމައްޗަށް ނިކުމެ އުޅުން މަނާ ގަޑިތަކުގައި ނިކުމެ އުޅޭ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތްދިނުމަށްފަހު ދެން ވެސް އެކަން ތަކުރާރުކޮށްފިނަމަ 1،000 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށް ފުލުހުން ރޭ ވަނީ ވިދާޅުވެފައެވެ.