Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އިންޑިއާގައި ތިބި ދިވެހިން ގެންނަން އަދި އަލިމަގެއް ނުފެނޭ

މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

އިންޑިއާގައި ތިބި ދިވެހިން ގެނައުމުގެ ކަންކަމަށް އަދި އަލިމަގެއް ފެނިފައިނުވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އޮންނަ ކަމަށާއި އެގޮތުން ކޮވިޑް-19 އާއި ގުޅޭ ވަރަށް ގިނަ ކަންކަމުގައި އިންޑިއާ އިން ރާއްޖެ އަށް އެހީވެފައިވާ ކަމަށެވެ.

"އެހެންނަމަވެސް އިންޑިއާގައި ތިބި ދިވެހި ކުދިން ގެނައުމުގައި އެއްވެސް ކަހަލަ އަލިމަގެއް އަދި ފެނިފައެއް ނެތް" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެ ފަރާތްތައް ގެނެވޭގޮތް އަދި ވެފައިނުވާތީ މިވަގުތު އެންމެ މުހިއްމު ކަމަކީ ރާއްޖޭގައި ތިބެގެން އެ ފަރާތްތަށް ކޮށްދެވޭނެ ކަމެއް ކޮށްދިނުން ކަމަށެވެ. އަދި ފޮރިން މިނިސްޓްރީން ވެސް މަސައްކަތް ކުރަނީ އެއްވެސް ޖާގައެއް ލިބިއްޖެނަމަ އެ ފަރާތްތައް ގެނައުމަށް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެ އިން ބޭރުގައި ތިބި ބައެއް ދިވެހިން އަނބުރާ ގައުމަށް އަންނަން ބޭނުންވާއިރު، ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ކަންކަމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެގޮތުން ބައެއް ގައުމުތަކުން ވަނީ ވަކި މުއްދަތެއް ވަންދެން އެ ގައުމުތަކަށް ބައިނަލްއަގުވާމީ ފްލައިޓުތައް ޖެއްސުން ވެސް މަނާކޮށްފައެވެ.