Last Updated: April 26, 23:00
Friday, April 26, 2024
ދުނިޔެ

އިޓަލީގައި މަރުވާ މީހުންގެ އަދަދު ވެސް ދަށަށް ދާން ފަށައިފި

ކޮވިޑް-19 ގެ ސަބަބުން އިޓަލީގައި މަރުވާ މީހުންގެ އަދަދު ވެސް ދަށަށް ދާން ފަށައިފިއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މި ބަލީގެ ނުރައްކާ އެންމެ ބޮޑު ވެފައިވާ ގައުމަކީ އިޓަލީ ކަމަށްވާއިރު، އެގައުމުން އިއްޔެ ވަނީ މި ބަލީގައި 681 މީހުން މަރުވެފައެވެ. އަދި އޭގެ ކުރީ ދުވަހު އެގައުމުން މަރުވެގެން ރިޕޯޓުކޮށްފައިވަނީ 766 އެވެ.

ނަމަވެސް ފާއިތުވި 24 ގަޑިއިރުތެރޭ އެގައުމުން މަރުވެފައިވަނީ 525 މީހުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެގޮތުން މިއީ ފާއިތުވި ދެ ހަފްތާ އަށް ބަލާއިރުވެސް އިޓަލީން އެންމެ މަދު އަދަދަކަށް މީހުން މަރުވި ފުރަތަމަ ފަހަރެވެ.

އިޓަލީން މަރުވާ މީހުންގެ އަދަދު ދަށަށް ދާން ފަށާފައިވާއިރު އެގައުމުން މި ބަލީގައި މިހާތަނަށް ވަނީ ޖުމްލަ 15،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. އަދި މި ބައްޔަށް އެއް ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

އިޓަލީ އަކީ މުޅި ދުނިޔެއިން މި ބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ގައުމެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ސްޕެއިނުންނެވެ.

އިޓަލީން މި ބަލީގައި މަރުވާ މީހުންގެ އަދަދު ދަށަށް ދާން ފަށާފައިވާއިރު، އެގައުމު މިވަގުތު އޮތީ ލޮކްޑައުންގައެވެ.