Last Updated: April 27, 08:54
Saturday, April 27, 2024
ދުނިޔެ

އެއް އަހަރަށް އިންޑިއާ ސަރުކާރުގެ އިސްވެރިންގެ މުސާރަ ކުޑަކޮށްފި

ކޮވިޑް-19 އާއި ގުޅިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެގައުމުގެ ސަރުކާރުގެ އިސްވެރިންގެ މުސާރަ ކުޑަކުރަން ނިންމައިފިއެވެ.

އިންޑިއާގެ އެންވަޔަރަމެންޓް މިނިސްޓަރު ޕްރަކާޝް ޖަވަދްކާރް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ބޮޑުވަޒީރު މޯދީ އާއި އެގައުމުގެ ރައީސް ރާމް ކޮވިންދުގެ އިތުރުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުުގެ މެމްބަރުންނާއި ސްޓޭޓްތަކުގެ ގަވަނަރުންގެ މުސާރަ އިން 30 ޕަސެންޓު އެއް އަހަރު ދުވަހަށް އުނިކުރަން ނިންމާފައިވާ ކަމަށެވެ.

އަދި އެ ބޭފުޅުންގެ މުސާރައިން އުނިކުރާ ފައިސާ ދިނުމަށް ހަމަޖެހިފައިވާ ކޮވިޑް-19 އާއި ގުޅިގެން ހުޅުވާފައިވާ ފަންޑަކަށް ކަމަށްވެސް ޕްރަކާޝް ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ ކެބިނެޓް ބައްދަލުވުން މިއަދު ބާއްވާފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ކޮވިޑް-19 އާއި ގުޅިގެން 21 ދުވަހުގެ މުއްދަތަކަށް އިންޑިއާގައި ލޮކްޑައުންގެ ހާލަތު އިއުލާންކޮށްފައިވާއިރު، މި ބައްޔަށް އެގައުމުން މިހާތަނަށް ވަނީ 4،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައެވެ. އަދި 109 މީހަކު މިހާތަނަށް މި ބަލީގައި އިންޑިއާ އިން ވަނީ މަރުވެފައެވެ.