Last Updated: July 5, 20:34
Saturday, July 5, 2025
ކުޅިވަރު

ކޮވިޑް ޖެހިގެން ގާޑިޔޯލާގެ މަންމަ މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާގެ މަންމަ، ޑޮލޯސް ސަލާ ކަރީއޯ މިއަދު މަރުވެއްޖެއެވެ.

މެންޗެސްޓަރ ސިޓީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އުމުރުން 82 އަހަރުގައި ގާޑިޔޯލާގެ މަންމަ މަރުވެފައިވަނީ ސްޕެއިންގެ ބާސެލޯނާގައި ކަމަށެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ގާޑިޔޯލާ އަށާއި އޭނާގެ އާއިލާ އަދި ރައްޓެހިންނަށް ހަމްދަރުދީ ފޮނުވާ ކަމަށްވެސް ސިޓީން ބުނެފައިވެއެވެ.

ކޮވިޑް-19 ގެ ނުރައްކާ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ގައުމަކީ ސްޕެއިން އެވެ. އެގޮތުން އެގައުމުން މިހާތަނަށް މި ބަލީގައި 13،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ބައްޔަށް އެގައުމުން އެއް ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

ނަމަވެސް ފާއިތުވި ދުވަސްތަކުގައި ސްޕެއިންގައި މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ދަށަށް ދާން ފަށާފައެވެ. ކޮވިޑް-19 އާއި ގުޅިގެން ސްޕެއިންގައި މިވަގުތު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފައެވެ.