Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ކާފިއު ވަގުތުގައި ބޭރުގައި އުޅުނު އިތުރު މީހަކު ޖޫރިމަނާކޮށްފި

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މިއަދު ހަވީރު ކާފިއު އިއުލާންކޮށްފައި އޮތް ވަގުތުގެ ތެރޭގައި ބޭރުގައި އުޅުނު މީހަކު 1،000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިދިޔަ ހަފްތާގައި ނެރުއްވި އެންމެގުމެއްގައި ވަނީ ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އާ ހަމައަށް މާލޭ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލަން އަންގާފައެވެ.

އަދި އެ ގަޑިތައް ފިޔަވައި އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

ފުލުހުން ބުނީ މިއަދު 183 މީހަކަށް ނަސޭހަތް ދިން ކަމަށާއި، އެ މީހުންގެ ތެރޭގައި ހިމެނެނީ 150 ދިވެހިންނާއި 33 ބިދޭސީން ކަމަށެވެ. އަދި ދެވަނަ ފަހަރަށް ހަ މީހަކަށް ނަސޭހަތް ދިންއިރު އެކަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިއްޔެ ވެސް ވަނީ ކާފިއު ވަގުތުގައި ބޭރުގައި އުޅުނު މީހަކު ޖޫރިމަނާކޮށްފައެވެ.

މަގުމައްޗަށް ނިކުމެ އުޅުން މަނާ ގަޑިތަކުގައި ނިކުމެ އުޅޭ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތްދިނުމަށްފަހު ދެން ވެސް އެކަން ތަކުރާރުކޮށްފިނަމަ 1،000 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށް ފުލުހުން މީގެކުރިން ވެސް އޮތީ ބުނެފައެވެ.