Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ކޮވިޑުން އަރައިގަތުން އަވަސްވާނީ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމުން

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީޤް- ފޮޓޯ: މިހާރު

ކޮވިޑް-19 އިން އަރައިގަތުން އަވަސްވާނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމުން ކަމަށް، އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ވިދާޅުވީ ކޮވިޑާއި ގުޅިގެން ބައިވަރު ފިޔަވަޅުތައް އަޅައި، ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ވެސް ބަންދުކޮށްގެން ބައިވަރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، މީގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ދިރިއުޅުމަށް ވެސް އުނދަގޫ ކަންތައްތަކެއް އައިސްފައިވާ ކަމަށެވެ.

ނަމަވެސް ކޮންމެވެސް ދުވަހަކުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ދޫދިނުމެއް ދޭންޖެހޭނެ ކަމަށާއި، ނަމަވެސް އެހާ ހިސާބަށް ދެވެން އޮތީ މިހާރު އެޅިފައި ހުރި ފިޔަވަޅުތަކަށް އެންމެން ވެސް ސަމާލުކަން ދީގެން ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އަދި ވަކި ބަޔަކު ފިޔަވަޅުތަކަށް ބޯލަނބައި އަނެއް ބަޔަކު އެ ކަންކަމަށް ސަމާލުކަން ނުދޭނަމަ މުޅި މުޖުތަމައު އަށް އޭގެ ފައިދާއެއް ނުފެންނާނެ ކަމަށާއި އެހެންކަމުން އެންމެން ވެސް މިކަމަށް އެއްބާރުލުން ދޭންޖެހޭކަން ޑރ.ނަޒްލާ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

"މިކަމުން އަރައިގަނެވޭނެ ދުވަހެއް ނޭނގޭ، އެކަމަކު އަރައިގަތުން އަވަސްވާނީ ވީވަރަކުން މި ފިޔަވަޅުތަކަށް ސަމާލުކަންދީގެން" ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑުން އަރައިގަނެވުނު ނަމަވެސް އަތް ދޮވުމާއި، ކެއްކާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނުގައި ވެސް ދުރުމިނެއް ބެހެއްޓުން ފަދަ ކަންކަމަކީ ނޭވާލާ ނިޒާމުގެ އެހެން ބަލިތައް ވެސް މަދުވާނެ ކަމެއް ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަމަށް އާދަވާން ޖެހޭ ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.