Last Updated: April 19, 06:24
Friday, April 19, 2024
ކުޅިވަރު

ރޮނާލްޑީނިއޯ ޖަލުން ސަލާމަތްވެއްޖެ

ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވުމުން ޖަލަށް ލެވުނު ކުރީގެ ބްރެޒިލްގެ މަޝްހުރު ތަރި ރޮނާލްޑީނިއޯ އަދި ބޭބެ ރޮބާޓޯ ޑި އަސިސް ޖަލުން ސަލާމަތް ވެއްޖެއެވެ.

ދެބެއިންގެ ޝަރީއަތުގެ އަޑު އެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ މިމައްސަލައިގެ ޝަރީއަތް ނިމެންދެން ދެބެއިން ޖަލު ބަންދުން ގޭބަންދަށް ބަދަލުކުރަން ހުކުމް ކޮށްފައެވެ.

ނަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ޕެރެގެއޭގެ އަސުންސިއޮން ލޮކްޑައުން ކޮށްފައި އޮތުމުން ހުކުމް އިއްވީ ފޯނު ކޯލަކުންނެވެ.

ރޮނާލްޑީނިއޯގެ ވަކީލުން ވަނީ މިދިޔަ މަހު ދެބެއިން ޖަލުން ސަލާމަތް ކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ޝަރީއަތުން ވަނީ މިނިވަން ކުރެވޭނެ ޖާގައެއް ނެތް ކަމަށް ބުނެ ޖަލުގައި ބޭތިއްބުމަށް ނިންމާފައެވެ.

ޖޫރިމަނާގެ މައްސަލައެއްގައި ބްރެޒިލް ސަރުކާރުން ވަނީ ރޮނާލްޑީނިއޯގެ ޕާސްޕޯޓު އަތުލާފައެވެ. ޕޯޓޯ އެލެގްރޭގައި އިމާރާތެއް ހެދުމުގައި ތިމާވެށްޓަށް ގެއްލުން ލިބިފައިވާތީ އޭނާ އަށް ދިން 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދެއްކުމުގެ ސަބަބުން ޕާސްޕޯޓު ކެންސަލް ކޮށް ގައުމުން ބޭރުނުވުމަށް ވަނީ އަންގާފައެވެ.

ފޭކު ޕާސްޕޯޓެއްގައި ރޮނާލްޑީނިއޯއާ ބޭބެ ޕެރެގުއޭއަށް އެތެރެވުމަށް ފަހު ހައްޔަރުކުރީ ލިޔެ ކިޔުން ސައްހަ ނޫންކަން ސާބިތުވެ ހޮޓަލެއްގައި ތިއްބައެވެ.