Last Updated: April 19, 22:45
Friday, April 19, 2024
މުނިފޫހިފިލުވުން

ސަލާމަތް ވާނީ ބިރުގަނެގެންކަމަށް ވިސްނާ: ސަލްމާން

ކޮރޯނާވައިރަހުން ރައްކައުތެރިވުމުގެ ނިޔަތުގައި ވަރަށް ގިނަ ގައުމުތަކުގެ އާއްމު ރައްޔިތުންނާއި ސިޔާސީ މީސްމީހުންނާއި ކުޅުންތެރިންނާއި މުނިފޫހިފިލުވައިދޭ މީހުންނާއި އެހެނިހެން މަސައްކަތްތެރިން ގޭގައި ތިބުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެމުން އެބަގެންދެއެވެ. އަދި ގޭގައި ތިބުމަށް ޑޮކްޓަރުންނާއި ސިއްހީ ތަޖުރިބާކާރުންނާއި އެކި ރޮނގުރޮނގުން މަޝްހޫރު ޝަޚްޞިއްޔަތުން ލަފާ ދެމުން އެބަގެންދެއެވެ.

ހޮލީވުޑްގެ އެންމެ މަގުބޫލު ތަރިންގެތެރޭގައި ހިމެނޭ ސަލްމާން ޚާން ވީޑިއޯ މެސެޖެއްގައި ބުންޏެވެ. " ހަމަތެދަށް މި ބުނަނީ އަހަރެން މިއުޅެނީ ބިރުން. ފާއިތުވި ތިން ހަފުތާ ތެރޭގައި ބައްޕަ ނުވެސް ދެކެން. އޭނާ އެކަނިމާއެކަނި ގޭގައި އެ އުޅެނީ." އޭނާ އިތުރަށް ބުންޏެވެ. "މިހާރުގެ ހާލަތަށް ބަލާއިރު ގަބޫލުކުރަން ޖެހެނީ ބިރުގެންފިއްޔާ ސަލާމަތްވީއޭ."

ސަލްމާން ގެންދަނީ ބޭރަށް ނުނިކުމެ ގޭގައި ތިބުމަށް މީސްމީހުންނަށް ނަސޭހަތްތެރިވަމުންނެވެ.

އިންޑިއާއިން ގެންދަނީ ކޮރޯނާވައިރަހާ ވަރަށް ބޮޑަށް ހަނގުރާމަކުރަމުންނެވެ. ކޮރޯނާވައިރަސް މުޅިގައުމަށް ފެތުރިގެން ހިނގައިދާނެތީ ގައުމު ފުރަބަންދުކޮށްފައިވާތާ 20 ދުވަސް ވެއްޖެއެވެ. ނަމަވެސް ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ހޯމަ ދުވަހުގެ ހެނދުނުގެ ރިޕޯޓުތަކަށް ބަލާއިރު އިންޑިއާގައި ކޮރޯނާވައިރަސް ޖެހިފައި 9152 މީހުން އެބަތިއްބެވެ. އަދި އެ ބަލީގައި 308 މީހުން މަރުވެފައިވެއެވެ.

ކޮރޯނާވައިރަހުން އިންޑިއާ ސަލާމަތް ކުރުމުގެ ހޭލުންތެރިކަން އުފެއްދުމުގެ އިތުރަށް މާލީގޮތުން ދަތި މީސްމީހުންނަށް ސަލްމާން ޚާން ވަރަށް ދީލަތިކަމާއެކު އެހީތެރިކަން ފޯރުވަމުން އެބަގެންދެއެވެ.