Last Updated: April 26, 10:28
Friday, April 26, 2024
ރިޕޯޓް

ރަށް ރަށަށް ދަތުރުނުކުރޭ، އެހެން ގައުމުތަކުން އިބުރަތް ހާސިލުކުރައްވާ!

މާލޭގެ މަގުމަތީގައި ބަޔަކު ވެހިކަލްތަކެއްގައި: ފޮޓޯ /ސަން

ކޮވިޑް-19 ގެ ކޭސްއެއް ފުރަތަމަ ފަހަރަށް މިއަދު މާލެއިން ފެނުމާއެކު އެތައް ބަޔަކު ކަނޑު މަގުން މާލެއިން ބޭރުވާން ފަށައިފިއެވެ. މިއީ މިވަގުތު މިބަލި ފެތުރުން ހުއްޓުވުމަށް އިދާރާތަކުން ކުރާ މަސައްކަތަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ.

އިޓަލީ އާ ސްޕެއިން އަދި އެމެރިކާ ފަދަ ގައުމުތަކުގައި ވައިރަސް ކޮންޓްރޯލް ނުކުރެވި ފެތުރިގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ދަތުރުފަތުރުކުރުން ހުއްޓާނުލުމެވެ. އެގައުމުތަކުގެ ސިއްހީ މާހިރުންނާއި ޑޮކްޓަރުން އާދޭސްކޮށްފައި ދުނިޔެއަށް ކުރި އިލްތިމާސަކީ އެމީހުންގެ ހިތި ތަޖުރިބާ އިން އިބުރަތް ހާސިލުކޮށްގެން ހެދުނު ގޯސްތައް ތަކުރާރު ނުކުރުމެވެ.

މިއަދު މާލެއިން ވައިރަސްގެ ޕޮސިޓިވް ކޭސްއެއް ފެނިފައިވާއިރު، ރައްޔިތުން ބައްޔަށް ރައްކާތެރިވުމަށް ކުރަން އޮތް ކަމަކީ ގޭގައި ތިބުމެވެ. ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމެވެ. ބޭރަށް ނިކުންނަން ޖެހިއްޖެ ނަމަ ތިން ފޫޓު ދުރުގައި ތިބުމެވެ. ކޮންމެހެން ކުރަން ޖެހޭ ކަމެއް ކުރުމަށް ނޫނީ ބޭރަށް ނުނިކުމުމެވެ. މިއީ މުޅި ދުނިޔޭގައި ވެސް ސިއްހީ މާހިރުން އިއްތިފާގުވެ ކުރާ އިލްތިމާސެވެ.

ރާއްޖެއިން ވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ މިހާލަތަށް ނުހަނު ބޮޑަށް ތައްޔާރުވެފައެވެ. ނަމަވެސް ހާލަތު ކޮންޓްރޯލް ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެންނެވެ.

ބައްޔަށް ފިލަން ދުވާ މީހާއަކީ ބަލި ހިފައިގެން އެހެން މީހުންގެ ކައިރިއަށް ދަތުރުކުރާ މީހާއަށް ވެސް ވެދާނެއެވެ. މުޅި ރާއްޖެ މިބަލީގެ ޝިކާރައަކަށް ވުމަށް ފުރުސަތު ހުޅުވާ ނުލައި، ސިއްހީ މާހިރުންގެ ބަސް އަޑު އަހައި، ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދޭންވީ ވަގުތު އެންމެ ބޮޑުވެފައިވަނީ މިވަގުތުގައެވެ.